ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި އާޖެންޓީނާއިން ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ސްކޮޑުން ކެޕްޓަން ލިއޮނަލް މެސީ ބާކީ ކޮށްފިއެވެ.
އުމުރުން 37 އަހަރުގެ އިންޓަ މިއާމީ ޕްލޭމޭކަރު ނުލައި އާޖެންޓީނާއިން ސްކޮޑު އިއުލާނުކޮށްފައި ވަނީ އޭނާ އަނިޔާގައި ހުރުމުންނެވެ. މޭޖާ ލީގު ސޮކާގައި އެންމެފަހުން އިންޓަ މިއާމީން ކުޅުނު މެޗުގައި އެޓަލާންޓާ ޔުނައިޓެޑް ކައިރިން މޮޅުވެފައިވާ އިރު، އެ މެޗުގައި މެސީއަށް ވަނީ އަނިޔާވެފައެވެ.
އިންޓަ މިއާމީން ބުނީ މެސީގެ ފަލަމަސްގަނޑުގެ އެތެރެ ފަރާތަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި އަނިޔާ ސީރިއަސް ނޫން ކަމަށެވެ.
އިންޓަ މިއާމީގެ ޕްރީ ސީޒަން ގިނަ މެޗުތަކުގައި މެސީއަށް ރެސްޓް ދީފައިވާ ނަމަވެސް، މިދިޔަ ހަފުތާ ޖެމެއިކާގައި ކުޅުނު ކޮންކަކަފް ޗެމްޕިއަންސް ކަޕްގެ މެޗުގައި ބެންޗުން އަރައި ގޯލު ޖެހިއެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއިން އެ ބައްރުގެ ގަދަ ދެ ބާރު ކަމަށްވާ އުރުގުއާއީ އާއި ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، އެ މެޗުތަކުން އެޓީމަށް ކޮލިފިކޭޝަން ޔަގީން ކުރުމަށް ޖާގަ އެބައޮތެވެ. މިވަގުތު ދެކުނު އެމެރިކާ ކޮލިފިކޭޝަން ލީގު ބުރުގެ އެއްވަނައިގައި އޮތީވެސް އާޖެންޓީނާއެވެ.
ދިހަ ޓީމު ހިމެނޭ ކޮލިފިކޭޝަންގެ އެއްވަނައިގައި އާޖެންޓީނާ އޮތީ ފަސް ޕޮއިންޓްގެ ފަރަގެއްގައެވެ. އަދި ހަމެޗު ބާކީ އޮތް އިރު، ދެވަނައިގައި އޮތީ އުރުގުއާއީއެވެ. ބްރެޒިލް ފަސްވަނައިގައި އޮތީ އާޖެންޓީނާއާ ހަތް ޕޮއިންޓް ފަހަތުގައެވެ.
ދެކުނު އެމެރިކާ ކޮލިފިކޭޝަންއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޔަގީންކޮށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ. ހަތްވަނަ ޓީމު ދާނީ ޕްލޭ އޮފްއަށެވެ. މިވަގުތު އާޖެންޓީނާގެ މެސީއަކީ އެ ބައްރުގެ ކޮލިފައިންގެ ޓޮޕް ސްކޯރާއެވެ. އެއީ ހަ ގޯލާއެކުގައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ