ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވުމުން، އަލުން ވިސްނެވުމަށް އެދި، ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވައިލެއްވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލު އިތުރަށް އިސްލާހު ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ރައިސް މި ބިލް މަޖިލީހަށް ފޮނުއްވުމުން، އެކަމަށް ގޮތެއް ނިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި، ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މަޖިލީހުގައި ކިތަންމެ ބޮޑު މެޖީރިޓީއެއް އޮތް ނަމަވެސް މަޖިލީހުން ފާސްކުރާ ކޮންމެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ގަބޫލު ނުކުރައްވާނެކަން މި ބިލުން ހާމަވެއްޖެ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރުން އަނގާހާ ގޮތަކަށް، ރައީސް ވިދާޅުވާހާ ގޮތަކަށް، މަސައްކަތް ކުރާ މަޖިލީހެއް ނޫންކަން ރައްޔިތުންނަށް ސާފުވެގެންދިޔަ ކަމަށް ވެސް ވިދާޅުވެ، ބިލު އިތުރަށް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވަން ފަލާހު ހުށަހެޅުއްވިއެވެ.

މިކަމަކީ އަލަށް ހިނގާ ކަމެއް ނޫން ކަމަށް ވިދާޅުވެ، މި ބިލަށް ތާއީދު ކުރެއްވީ، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ.

އެ ހުށަހެޅުމާ އެއްގޮތަށް ބިލް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ޕީއެންސީގެ 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ހަ މެންބަރުންނާއި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރާއެކު ހަތް މެންބަރުންނެވެ.