ށ. ފޯކައިދޫ އިސްލާމީ މަރުކަޒު ހިމެނޭގޮތަށް 15 މަޝްރޫއެއްގެ މަސައްކަތް ކުންފުނިތަކާ ހަވާލުކޮށްފިއެވެ.

އިސްލާމީ ދާއިރާގެ އެ މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރަނީ ޖުމުލަ 169,113,004 (169 މިލިއަން ރުފިޔާ) އެވެ.

އިސްލާމީ މަރުކަޒު ހޯލުގައި އިއްޔެ އާއި މިއަދު ބޭއްވި ރަސްމިއްޔާތުތަކެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ދެ ގޮފި އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމާއި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން 12 މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން 11 މަޝްރޫއެއް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. އަދި އަނެއް ހަތަރު މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރި އިރު، އެއް މަޝްރޫއު ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކުގެ ތެރެއިން ގުރުއާނާ ބެހޭ މަރުކަޒުތަކުގައި ތިން ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭނެ ކަމަށާއިއިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެ ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރެވޭ ކުންފުނިތަކާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިފަހަރު އިމާރާތްކުރާ މިސްކިތްތަކުުގައި ގުރުއާން ކްލާސްތައް ހިމެނުމާއި މިސްކިތްތައް ސޯލާ ކުރުމާއި އަދި އޭސީކޮށް ނިންމާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"އެހެން ނޫނީ މިސްކިތް ބިނާކުރުމަށްފަހު ރަށާ ހަވާލުކުރުމަށްފަހު މި ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ރައްޔިތުން ޖެހޭނީ އެކި މީސްމީހުން ގާތަށް ހިނގަން ސިޓީ ހިފައިގެން. އެކަން ނިމުމަށް ގެނައުމަށްޓަކައި މިހާރު ވަނީ އެކަން ތަރުތީބުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމީ މަރުކަޒުތަކަކީ ލައިބްރަރީއާއެކު އިމާރާތް ކުރާ ތަންތަން ކަމަށާއި ރާއްޖޭގައި އިސްލާމީ އިލްމުގެ ބޭނުން ހިފުމަށްޓަކައި އެ މަރުކަޒުތަކުގެ ބޭނުންކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދޮޅު އަހަރެއް ނުވަތަ ދެ އަހަރު ތެރޭ އެ މަޝްރޫއުތައް އިފުތިތާހުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ށ. ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތެވެ. އެ މަސައްކަތް ފެނަކައާ ހަވާލުކުރީ ދެ އަހަރާއި ފަސް މަސް ދުވަސްތެރޭ ނިންމާގޮތަށް 25 މިލިއަން ރުފިޔާގެ އަގަކަށެވެ.

  • ލ. މާބައިދޫ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި: އެއް އަހަރުތެރޭ ނިންމާގޮތަށް 4.3 މިލިއަން ރުފިޔާއަށް
  • ޅ. އޮޅުވެލިފުށި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި: އެއް އަހަރުތެރޭ ނިންމާގޮތަށް 4.3 މިލިއަން ރުފިޔާއަށް
  • ށ. ފޯކައިދޫ އިސްލާމީ މަރުކަޒު: ދެ އަހަރާއި ފަސް މަސް ދުވަސްތެރޭ ނިންމާގޮތަށް 25 މިލިއަން ރުފިޔާއަށް
  • ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • އައްޑޫ ސިޓީ ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރާއި ފަސް މަސް ދުވަސްތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރާއި ފަސް މަސް ދުވަސްތެރޭ ނިންމާގޮތަށް 7.7 މިލިއަން ރުފިޔާއަށް
  • ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • ބ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.6 މިލިއަން ރުފިޔާއަށް
  • އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތް: އެއް އަހަރުތެރޭ ނިންމާގޮތަށް 11.5 މިލިއަން ރުފިޔާއަށް