ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާގައި ދެއްކި ވާހަކައާ ގުޅިގެން ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ވަނީ ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެ ވާހަކަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.

އެ މައްސަލައިގައި އަބްދުއްރަހީމް، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި އެފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އީސީން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދާނުލައި އެފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ ކަމަށެވެ.

"ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާ އިރު، އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ މައްސަލައިގައި އީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ސިޔާސީ ޕާޓީގެ ގާނޫނު" އިން ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީ އާއި ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.

"މިގޮތުން، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ގާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. ހާއްސަކޮށް ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމުގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން، މި ކޮމިޝަނުން ކުށްވެރިކުރަމެވެ،" އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާ އިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަން ފާޑުކިޔައިގެން ނުވާނެ ކަމަށް އީސީން ބުނެފައިވެއެވެ. އަދި ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތައް އަބަދުވެސް އީސީން ބަލައިގަންނާނެ ކަމަށް ބަޔާނުގައި އީސީން ބުނެފައިވެއެވެ.