އިދިކޮޅު މައި ޕާޓީ ކަމަށްވާ އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް، މުޒާހަރާގެ ބައިވެރިއަކު ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ވަނީ ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކައިފައެވެ. އެ ވާހަކަތަކާ ގުޅިގެން ގިނަބަޔަކު ދަނީ މާންދީއަށާއި އެމްޑީޕީއަށް ފާޑު ކިޔަމުންނެވެ.

އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ "ސިޔާސީ ޕާޓީގެ ގާނޫނު" އިން ޕާޓީތަކަށް ސިޔާސީ ހަރަކާތް ހިންގުމަށް މަގުފަހިކޮށްދީފައި ވަނީ ގާނޫނުއަސާސީ އާއި ޕާޓީގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގައި އަމަލުކުރަމުންދާ އެހެނިހެން ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.

"މިގޮތުން، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް ގާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ. ހާއްސަކޮށް ސިޔާސީ ހަރަކާތްތައް ރާވައި ހިންގުމުގައި، ގާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން، މި ކޮމިޝަނުން ކުށްވެރިކުރަމެވެ،" އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާ އިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަން ފާޑު ކިޔައިގެން ނުވާނެ ކަމަށް އީސީން ބުންޏެވެ. އަދި ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތައް އަބަދުވެސް އީސީން ބަލައިގަންނާނެ ކަމަށް ބަޔާނުގައި އީސީން ބުންޏެވެ.