ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައިވަނީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު، އެ އިދާރާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2،138 ގްރާމުގެ މެތަމްފެޓަމިން އާއި 1،086 ގްރާމުގެ ކެޓަމިން އާއި 310 ގްރާމުގެ ހެރޮއިން ކަމަށެވެ.

އެތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯއަށް އަރާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަތް އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.