ސެޕްޓެމްބަރު 29، 2014ގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ/ ގޯލްޑްލީފް، ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޏ. ފުވައްމުލަކު ސިޓީ، ހިލްޓަން/ ޔާމީން ރަޝީދު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް އެ މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އެ މައްސަލަ ހައިކޯޓަށް ތަހުވީލުކޮށްފިއެވެ.

ހުޅުމާލެ ހާފްވޭ ހައުސް ކައިރިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހާރިސް އަބްދުލްގަފޫރު މަރުވި މައްސަލައިގައި، ޔާމީން ރަޝީދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅީ 20 ނޮވެމްބަރު 2017 ގައެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށްފަހު މައްސަލަ ބަލައި، 29 ޑިސެމްބަރު 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް، ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ، 12 ފެބްރުއަރީ 2023 ގައި ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން ދޫކޮށްލި ޔާމީން ރަޝީދު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށްވެސް ދައުލަތުން ހައިކޯޓުގައި އެދުނެވެ. އޭނާ ބަންދު ކުރަންޖެހޭ ސަބަބެއް ކަމަށް ދައުލަތުން ބުނެފައިވަނީ އޭނާ ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމަށްވުމާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމެވެ.

ޔާމީންގެ ބަންދާ ގުޅޭ ގޮތުން 20 ނޮވެމްބަރު 2024 ވަނަ ދުވަހު، ހައިކޯޓުން ހުކުމް ކުރީ ޔާމީން ދޫކޮށްލުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް ކަމާއި ހެކީންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތް ގޮތެއް ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އޭނާ ބަންދު ކުރުމަށް ހައިކޯޓުން އަމުރެއް ނުކުރިއެވެ.

ނަމަވެސް ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނުއަސާސީއާއި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދާއި ސުޕްރީމް ކޯޓުގެ ނިންމުމާއި ހިލާފު ނިންމުމެއް ކަމަށް ބުނެ އެ މައްސަލަ ދައުލަތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރި އިރު، ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ރިއާޔަތް ކުރަންޖެހޭ ކަންތައްތަކަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ޔާމީންގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަން އެ މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރެއްވިއެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.