ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް ބީގައި ސްޓެލްކޯއިން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.
ހެންވޭރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްޓެލްކޯއިން އީގަލްސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު ފެށިގެން ކުރީކޮޅުގައި ސްޓެލްކޯއިން ލީޑު ނެގިއެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ސްޓެލްކޯއަށް ލީޑު ނަގައިދިނީ މުހައްމަދު ޒޮރީފެވެ. އެ ގޯލާއެކު ރަނގަޅަށް މެޗު ފަށައި، ސްޓެލްކޯއިން ކުރިއަށް ޕްރެސް ކުރަމުން ގޮސްފައިވާ އިރު، ހާފު ނިމުމުގެ ކުރިން އެޓީމުން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ މުހައްމަދު ޝަރީފެވެ.
ދެވަނަ ހާފަށް ނުކުމެ، އީގަލްސްއިން ކުޅުން ރަނގަޅުކޮށް، އެޓީމުން ގޯލެއް ޖެހިއެވެ. އެ ގޯލު ޖެހީ އަހުމަދު ޝަނީޒެވެ. އެ ގޯލަށްފަހު އީގަލްސްއިން ކުރިއަށް ޖެހި އިތުރު ގޯލަކަށް މަސައްކަތް ކުރަނިކޮށް، ސްޓެލްކޯ މޮޅު ޔަގީންކުރީ ޒޮރީފްގެ އިތުރު ގޯލަކުންނެވެ.
ވެޓެރަންސް ލީގު އެފްއޭއެމްއާ ގުޅިގެން މިއަހަރުވެސް އިންތިޒާމުކުރަނީ ކްލަބު އިވެންޓްސް އިންނެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް އަދި ޒެލޮޓްގެ އިތުރުން ހުއްރިއްޔާއެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި މުއިވެޔޮ ފްރެންޑްސްއާއި ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
އެފްއޭއެމް ވެޓެރަންސް ލީގުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މާދަމާ ހަވީރު އޮންނަ މެޗުގައި ވިލިމާލެއާއި ހުއްރިއްޔާ ވާދަކުރާ މެޗެވެ. މެޗު ފަށާނީ ހަވީރު 4:30 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް