މިދިޔަ މަހުގެ 26 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާފައިވާ އިރު، އެ މައްސަލަތަކަކީ އަސްލެއް، އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ވިދާޅުވެއްޖެއެވެ.

ސަސްޕެންޑް ކުރުމާ ގުޅިގެން ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްްވި އަޑުއެހުމާ ގުޅިގެން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވުމަށް މަަސައްކަތްކުރި ކަމަށްބުނެ ސުލޫކީ މައްސަލައެއް ބެލުމަށް، ޖިނާއީ ކުށުގެ ތުހުމަތުވެސް ނެތީސް ހައްޔަރުކުރި، ޑރ. އިސްމާއީލް ލަތީފު ބަންދުން ދޫކުރުމަށް ނުފޫޒު ފޯރުވި ކަމަށްބުނެ ކުރި ތުހުމަތުތަކަކީ ވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި، އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ފަނޑިޔާރު އަޒްމިރާލްދާ، ފެބްރުއަރީ 27 ގައި ސިޓީއަކުން ދަންނަވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ފެބްރުއަރީ މަހުގެ 26 ގައި ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތް އަޑުއެހުމަކަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ފަނޑިޔާރު ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިނގަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްބުނެ ފަނޑިޔާރު ސަސްޕެންޑް ކުރިތާ ހަފުތާއަކަށްވުރެ ގިނަދުވަސްވީ އިރުވެސް އޭސީސީން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއްވެސް އެއްގޮތަކަށްވެސް އަންގާފައެއް ނުވެއެވެ. އަދި ފަނޑިޔާރާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން މިހާތަނަށްވެސް އެ މައުލޫމާތު އެ ކޮމިޝަނުން ހިއްސާ ކޮށްފައެއް ނުވެއެވެ. އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރަމުންދާ ކަމާމެދު ސުވާލު އުފެދޭ،"

އަޒްމިރާލްދާގެ ގާނޫނީ ވަކީލުންގެ ނޫސްބަޔާނުގައި ބުނީ އަޒްމިރާލްދާއާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން މިހާތަނަށްވެސް އެ މައުލޫމާތު އެ ކޮމިޝަނުން ހިއްސާކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރަމުންދާ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ ސަސްޕެންޑްކުރުމަށް ޖޭއެސްސީން ނިންމި ނިންމުމުގައި އަމަލުކުރި ގޮތްތައް ސާފު ކުރުމަށާއި، ފެބްރުއަރީ މަހުގެ 26 ގައި ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހޯދުމަށާއި، އޭސީސީން ފޮނުވި ކަމަށްބުނާ ސިޓީގެ ކޮޕީއެއް ހޯދުމަށް ޖޭއެސްސީގައި އެދުމުން އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަކީލުންގެ ނޫސްބަޔާނުގައި ބުނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައާ ގުޅުވައި ފަނޑިޔާރަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަވައި ދެއްވުމަށް އެދި 27 ފެބްރުއަރީގައި އޭސީސީއަށް އަޒްމިރަލްދާ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"...އެންޓީ ކޮރަޕްޝަން ކޮމިޝަނަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މައްސަލައެއް ހުށަހެޅުއްވުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން 4 މާޗް 2025 ގައި ފަނޑިޔާރަށް އަންގަވާފައިވަނީ ފަނޑިޔާރު ހުށަހެޅުއްވި 'ޝަކުވާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެންނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާކަމެއް ފާހަގަނުވާ،' ކަމަށާއި 'ޝަކުވާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއް މިހާތަނަަށް ފާހަގަކުރެވިފައި ނުވާތީ،" އެ މައްސަލަ ރަޖިސްޓްރީ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ..،" އެ ބަޔާނުގައި ބުންޏެވެ.