އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް ރާއްޖޭގެ ފުޓުބޯޅަ ޓީމުން އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިިކަމުގެ މެޗު، ކުރިންވެސް ތާވަލުގައި އޮތް ގޮތަށް އިންޑިއާގެ ޝިލޯންގައި ކުޅެން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެއިން ފުރަތަމަ ކުޅޭ މެޗު 25 ވަނަ ދުވަހު އޮންނާނީ ފިލިޕީންސްގައެވެ. ފިލިޕީންސާ ދެކޮޅަށް ކުޅޭ އެ މެޗުން ރާއްޖޭގެ ކޮލިފިކޭޝަން މެޗުތައް ފަށާ އިރު، ދެން ކުޅޭ މެޗުގައި ޖޫން 10 ވަނަ ދުވަހު ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އެވެސް އެ ގައުމުގައެވެ. ދެން ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ތަޖިކިސްތާނެވެ.
ރާއްޖެއިން ފިލިޕީންސް މެޗުގެ ކުރިން އިންޑިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާ އިރު، އެ މެޗު އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު، ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.
އެ މެޗު ޝިލޯންގައި ކުޅެފައި ރާއްޖެއަށް ފިލިޕީންސަށް ދާން ކުރަން ޖެހޭ ދަތުރު ދިގުވުމާއެކު، މެޗު ކޮލްކަތާއަށް ބަދަލުކޮށްދޭން ރާއްޖޭން އެދުނެވެ. އެކަމަށް އިންޑިއާ އެފްއޭއިން މަސައްކަތް ކުރި ނަމަވެސް، އެ ބަދަލު ނުގެންނަން ނިންމީ ޝިލޯންގެ މެގަލްހަޔާ ފުޓުބޯޅަ އެސޯސިއޭޝަނާވެސް މަޝްވަރާކޮށްފައެވެ.
އިންޑީއާއިންވެސް 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރު ފަށާ އިރު، އެޓީމުން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނާނީ ރާއްޖެއާ ދެކޮޅަށް މެޗު ކުޅޭ ދަނޑުގައެވެ.
"އަސްލު ފުރަތަމަ މެޗު ބަދަލުކޮށްދޭން އެދުނީ ދަތުރުކުރަން އުނދަގޫވުމުން. އެ މެޗު ނިންމާފައި ފިލިޕީންސަށް ދާއިރު ވަރަށް ދިގު ދަތުރެއް ކުރަން ޖެހޭ ޝިލޯންގުން. އެހެންވެ ބަދަލުކުރަން އެދުނު ނަމަވެސް އެގޮތަކަށް ނުވި. އެހެންވީމަ ކުރިން އޮތް ތާވަލާ އެއްގޮތަށް މިހާރު މެޗު މިއޮތީ. ޓިކެޓް ކަންތައް ފައިނަލް ކުރަމުން މިހާރު މިދަނީ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސުޖާއު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ ގައުމީ ޓީމުގެ ފަރިތަކުރުންތައް މިރޭ ފަށަން ތައްޔާރުވެފައިވާ ކަމަށާއި ޓީމުގެ ކޯޗަކީ އަލީ ސުޒޭން ކަމަށެވެ. އިންޑިއާ މެޗުގެ އިތުރުން ކޮލިފިކޭޝަން މެޗުތަކުގައިވެސް ކޯޗުކަށް ހުންނާނީ ސުޒޭން ކަމަށް ސުޖާއު ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު