މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ތަންފީޒުކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ އިސްވެރިން ހާޒިރުކޮށްގެން ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެ ކޮމިޓީން ދިރާސާކުރަމުންދާ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، ހިޔާލު ހޯދުމަށްޓަކައި، ކަމާ ގުޅުންހުރި 11 މުުއައްސަސާއެއްގެ ވެރިން މިއަދު ކޮމިޓީއަށް ވަނީ ހާޒިރުކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް އާއި ޑްރަގް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ދިވެހި ފުުލުހުންގެ ހިދުމަތާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ އިސްބޭފުޅުންނެވެ.

މި ކޮމިޓީ ބައްދަލުވުން ތައާރަފުކުރެއްވުމަށްފަހު ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ، މީގެ ކުރިން އެ ފަރާތްތައް ހާޒިރުކޮށްގެން ބޭއްވި ބައްދަލުވުމުގެ ވަކި ހިސާބަކުން ބައްދަލުވުން ސިއްރު ކުރި ކަމަށެވެ. އެއީ އެ ފަރާތްތަކުން ފާހަގަކުރަން ހުރި ކަންތައްތައް ސިއްރުކުރަން އެދިގެން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބައްދަލުވުން ކުރިއަށްގެންދާނެ ގޮތަކާ މެދު ހިޔާލު ފާޅުކުރުމަށް ފުރުސަތު ހުޅުވައިލެއްވިއެވެ.

އެ ފުރުސަތުގައި ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ، ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، ބައްދަލުވުން ސިއްރުކުރަން ހަމަ ބުނާއިރަށް އެކަން އެގޮތަށް ކުރެވެން ނޯންނަ ކަމަށެވެ.

ކޮމިޓީ ބައްދަލުވުން ސިއްރު ކުރެވޭނެ ހާލަތްތައް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށާއި، ބައްދަލުވުން ސިއްރުކުރެވޭނީ އެ ހާލަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ހިމެނެނީ، ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާބެހޭ މައުލޫމާތު ހާމަކުރަންޖެހޭ ބައްދަލުވުމަކަށްވުން، ވިޔަފާރީގެ މުއާމަލާތް ނުވަތަ މާލީ މުއާމަލާތެއް ސިއްރު ކުރަންޖެހޭ ހާލަތެއް ހިމެނުން، އަދި ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ހިފަހައްޓަންޖެހޭ މައުލުމާތުތަކެއް ހާމަކުރަންޖެހުން،" ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއިން ކަމަކަށް ނޫން ގޮތަކަށް ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

ނާޒިލްގެ ވާހަކަތަކާ ގުޅިގެން ކޮމިޓީ މުގައްރިރު ވިދާޅުވީ، ކޮމިޓީން ބިލު ދިރާސާކުރުމުގެ ކަންތައް މީގެ ކުރިން ލައިވްކޮށް މީޑިއާގެ ހާޒިރުގައި ކުރިއަށްގެންދިޔަ ނަމަވެސް ވަކި ހިސާބަކުން ކޮމިޓީ ސިއްރުކުރީ އެ ބައްދަލުވުމުގައިވެސް ސިއްރުކުރަންޖެހޭ މައުލޫމާތުތަކެއް ހިއްސާކުރަން ޖެހުމުން ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ހިމެނޭ ކަންތައްތަކަކީވެސް މަޖިލީހުގެ ގަވާއިދަށް ފޯލްވާ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ބައްދަލުވުން ސިއްރުކުރަން ޖެހިއްޖެ ހާލަތެއް އައުމުން ސިއްރުކުރާގޮތަށް ބައްދަލުވުން ކުރިއަށްގެންދަން ތާއީދު ކުރައްވާ ކަމަށެވެ. ޕީއެންސީގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ވެސް ވިދާޅުވި، އެގޮތަށް ތާއީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ޕީއެންސީގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވީ، ކޮމިޓީ ބައްދަލުވުން ސިއްރުކުރުމަށް ފުލުހުން އެދުނު ސަބަބެއް އޮޅުންފިލުވަން ބޭނުން ކަމަށެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ނާހިދު ވިދާޅުވީ، އެގޮތަށް އެދުނީ ބިލުގައި ހުށަހަޅާފައިވާ ކޮމެންޓުތަކުގެ ތަފްސީލަށްދާ އިރު، ފުލުހުންގެ އޮޕަޜޭޝަންތަކާއި އިންވެސްޓިގޭޝަންތަކުގެ ބައެއް ތަފްސީލުތަކާއި، އެ ކަންތައްތަކަށް މިހާރު ދިމާވާ ގޮންޖެހުންތަކާ ބެހޭ ތަފްސީލަށްދާ އިރު، އެ ވާހަކަތައް ފާޅުކޮށް ނުދެއްކޭނެތީ ކަމަށެވެ.

ފުލުހުންގެ އެ ކަންބޮޑުވުންތަކާއެކު، ކޮމިޓީ ބައްދަލުވުން ސިއްރުކުރަން އިސްމާއީލް ނިޒާރު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ. އެގޮތަށް ފާސްވުމުން ކޮމިޓީ ބައްދަލުވުން ސިއްރުކުރިއެވެ.

  • ޕީޖީ- ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު، ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުފަލު
  • ޑްރަގް ކޯޓު- ގާޒީ އާދަމް އާރިފް، ލީގަލް އޮފިސަރު ފާތިމަތު ތައުފީގު
  • ޑީޖޭއޭ- ލީގަލް އޮފިސަރުން، ފާތިމަތު އަލާޔާ ނައީމު، އިބްރާހިމް ފައްވާޒު
  • ޕޮލިސް- ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން، އިންސްޕެކްޓާ އޮފް ޕޮލިސް އާދިލް އަބުދުﷲ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް
  • އެޗްއާރުސީއެމް- ޑިރެކްޓާ މުހައްމަދު ޖާބިރު، ސީނިއާ ލީގަލް އޮފިސާ ފާތުމަތު މާޝާ
  • ކަސްޓަމްސް- އެސިސްޓެންޓް ކޮމިޝަނާ އިސްމާއީލް ހަމްދޫން، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު
  • އެންޑީއޭ- ބޯޑުގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސެއިން، އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު