އައިސީސީ ޗެމްޕިއަންސް ޓްރޮފީގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ބަލިކޮށް، އިންޑިއާއިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ ހަތް ޓީމުގެ އިތުރުން ހޯސްޓް ގައުމުގެ ގޮތުގައި ޕާކިސްތާނުން ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރަމުން އަންނަ އިރު، އިންޑިއާ ކުޅޭ ހުރިހާ މެޗެއްވެސް ހޯސްޓް ކުރަނީ ދުބާއީގައެވެ. ގްރޫޕް އޭގައި އިންޑިއާގެ އިތުރުން ނިއު ޒިލެންޑާއި ބަންގުލަދޭޝް އަދި ޕާކިސްތާން ހިމެނުނު އިރު، އިންޑިއާ ސެމީއަށް ދިޔައީ ތިން މެޗުން މޮޅުވެގެންނެވެ.
އަނެއްކޮޅުން ގްރޫޕް ބީގައި ދެކުނު އެފްރިކާގެ އިތުރުން އޮސްޓްރޭލިއާ، އިންގްލެންޑް އަދި އަފްގާނިސްތާން ހިމެނުނު އިރު، އޮސްޓްރޭލިއާއަކީ އެ ގްރޫޕްގެ ދެވަނަ ޓީމެވެ.
ޑުބާއީ އިންޓަނޭޝަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ. ޓޮސް ދިމާވުމުން އޮސްޓްރޭލިއާއިން ކުޅެން އަރައި، 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، 264 ލަނޑު ހަދާފައިވެއެވެ.
އެ ސްކޯއަކީ އިންޑިއާއަށް ބޮޑު ސްކޯއަކަށްވީ އިރު، މެޗުގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކީ މުހައްމަދު ޝާމީއެވެ. އޭނާ ވަނީ 10 އޯވަރުގައި އުކައި 48 ލަނޑަށް ތިން ކުޅުންތެރިން ނުބައިކޮށްފައެވެ.
އޮސްޓްރޭލިއާއަށް އެންމެ ރަނގަޅަށް ކުޅުނީ 96 ބޯޅައިން 73 ލަނޑު ހެދި ސްޓީވް ސްމިތެވެ.
ބަދަލުގައި އިންޑިއާއިން ކުޅެން އަރައި، ފުރަތަމަ ކޮޅުގައި އެޓީމަށް ހާސްކަމާ ކުރިމަތިވިއެވެ. ފުރަތަމަ އަށް އޯވަރު ތެރޭގައި ކެޕްޓަން ރޯހިތު ޝަރުމާއާއި ޝުބްމަން ގިލްވެސް ނުބައިވެފައިވާ އިރު، ޕްރެޝަރު ނަގަން ޖެހުނީ ވިރާތު ކޯލީއާއެވެ. އެ ޕްރެޝަރުގައި ކޯލީ ތަފާތުވެސް ދެއްކިއެވެ.
ކޯލީ ވަނީ 98 ބޯޅައިން 84 ލަނޑު ހަދައިފައެވެ. އެޑަމް ޒަމްޕާގެ ކެޗަކުން ނުބައިވެ ކޯލީ ފޭބި އިރު، އިންޑިއާއަށް 45 ބޯޅައިން ހަދަން ޖެހިފައި އޮތީ 40 ލަނޑެވެ. ކޯލީއަށްފަހު އޮސްޓްރޭލިއާއިން އުންމީދެއް ހޯދި ނަމަވެސް ހަރްދިކް ޕަންޑްޔާ ހަޔަކަށް ޖެހި ބޯޅައަކާއެކު އޮއިވަރު އަނބުރާލައި އިންޑިއާއިން މެޗު ޔަގީންކުރިއެވެ.
އަންނަ އާދީއްތަ ދުވަހު ކުޅެން ނިންމާފައިވާ ޗެމްޕިއަންސް ޓްރޮފީގެ ފައިނަލްވެސް އޮންނާނީ ދުބާއީގައެވެ. ކުރިން ފައިނަލް ކުޅެން ނިންމާފައި އޮތީ ޕާކިސްތާނުގެ ލަހޯރުގައި ނަމަވެސް، އިންޑިއާ ފައިނަލަށް ދިޔުމުން އެ ޕްލޭނަށް ވަނީ ބަދަލު އައިސްފައެވެ. އެއީ މުބާރާތް ކުޅެން އިންޑިއާ އެއްބަސްވީ ޕާކިސްތާނަށް ދަތުރު ނުކުރާ ގޮތަށް ކަމަށްވާތީއެވެ.
އިންޑިއާއާ ދެކޮޅަށް ފައިނަލުގައި ނުކުންނަ ޓީމެއް އެނގޭނީ މާދަމާ ރޭ ނިއު ޒީލެންޑާއި ދެކުނު އެފްރިކާ ކުޅޭ ސެމީ މެޗަށްފަހުއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް