ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގު މިއަދު ހަވީރު ފަށައިފިއެވެ.
ވެޓެރަންސް ލީގު އެފްއޭއެމްއާ ގުޅިގެން މިއަހަރުވެސް އިންތިޒާމުކުރަނީ ކްލަބު އިވެންޓްސް އިންނެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ލީގު ބުރު ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް އަދި ޒެލޮޓްގެ އިތުރުން ހުއްރިއްޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި މުއިވެޔޮ ފްރެންޑްސްއާއި ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
މިއަދު ހަވީރު ހެންވޭރު ޓާފްގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ހުޅުމާލެ ކައިރިން ވިލިމާލެ ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅުން ފެށިގެން ދެ ޓީމުގެ ފަރާތުންވެސް މަޑުމަޑުން ހަމަލާތަކަށް ކުރިއަށް ޖެހުނުތަން ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 48 ވަނަ މިނެޓުގައި ވިލިމާލޭގެ ގޯލު ޖެހީ އަހުމަދު ރިޒްނީއެވެ.
ވިލިމާލޭގެ އެޓޭކެއްގައި ހަސަން ސޮލާހު (ހައްޓެ) އަރިމަތިން ކުރިއަށް ޖެހި ފޮނުވާލި ހަމަލާއެއް ހުޅުމާލޭގެ ކީޕަރު ހަސަން ރަމީޒް (ޓިމޯ) އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސްގައި ރިޒްނީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދެ ޑިފެންޑަރުން ދޭތެރެއިން ކަހަލަ ގޮތަކަށް ގޮސްގެންނެވެ.
މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް މާފަންނު ޓާފް އެކެއްގައި މުބާރާތް ކުރިއަށްދާ އިރު، ސެމީ ފައިނަލް އޮންނާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހުގައެވެ.
އެފްއޭއެމް ވެޓެރަންސް ލީގުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މާދަމާގެ މެޗުގައި މުއިވެޔޮ ފްރެންޑްސް ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހަވީރު 4:30 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް