ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މުހިންމު ކޮމިޓީތަކަކުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފައިވަނީ އެކަމަށް އޮންނަ އާންމު އުސޫލުގެ ތެރެއިން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އަޒާން ވަކިކޮށްފައި މިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އަދަދު ފަހަކަށް މަދުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރަން ވޯޓު ދިނުމުގެ ބަދަލުގައި، އެ ބިލަށް ރޯލްކޯލް ވޯޓަަށް އަހަމުންދަނިކޮށް މަޖިލިސް ޖަލްސާ އިން ނުކުންނެވުމާ ގުޅިގެންނެވެ.
އެ ދެ ކޮމިޓީން އަޒާން ވަކިކުރުމަށްފަހު އޭނާ އައްޔަންކޮށްފައިވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަދި ޕެޓިޝަން ކޮމިޓީއަށެވެ.
އާޒަން މިއަދު ބައެއް މީޑިއާތަކައް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރީ ބާރުގަދަ ފަރާތެއްގެ ހިޔާނާތުގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކަމަށެވެ. އެގޮތުން ވެމްކޯ އިން ފާއިތުވި އަހަރު ކުއްޔަން ތަކެތި ނަގައިގެން 65 މިލިއަން ހަރަދުކޮށްފައިވާ މައްސަލައެއް އަޒާން ފާހަގަކުރެއްވިއެވެ.
ނަމަވެސް ފަލާހު "ވަން" މިރޭ ވިދާޅުވީ އަޒާން ކޮމިޓީތަކުން ބަދަލުކުރީ އާންމު އުސޫލުން ކަމަށާއި މަޖިލީހުގެ 17، 18 އަދި 19 ވަނަ މަޖިލީހުގައި ވެސް ކޮމިޓީތަކުގައި ތިއްބަވާ މެންބަރުން ބަދަލުކުރި ކަމަށެވެ. އަދި އަޒާންގެ ކޮމިޓީތައް ބަދަލުކުރީ ސިޔާސީ ގޮތުން ނޫން ކަމަށާއި އެއީ އޭނާ ބިލަށް ވޯޓު ދިން ގޮތުގެ ސަބަބުންވެސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"އަޒާން ނެތަސް ކޮމިޓީތަކުން ބަލަމުންދާ މައްސަލަތައް ކުރިއަށްދާނެ، މާލިއްޔަތު ކޮމިޓީގައި ތިއްބަވާނެ އެމްޑީޕީގެ މެންބަރުންވެސް 241 ކޮމިޓީގައި ވެސް ތިބޭނެ. އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެ މީހުން ބޭނުންވާނެ ހިޔާނާތުގެ މައްސަލަތައް ބަލަން، އެހެންވީމާ ވަކި މީހަކު ނެތަސް ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެ" ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީއެންސީގެ މެންބަރުން ދަނީ ސަރުކާރު ކުންފުނިތަކުގެ ވެރިން އަދި އެހެން މީހުންވެސް އެކި މައްސަލަތަކުގައި ކޮމިޓީތަކަށް ހާޒިރުކުރަމުން ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް ވަކި މައްސަލައެއް ކުރިއަށް ނުގެންދަން ސަރުކާރުން އަދި މަޖިލީހުން ވެސް އަންގާފައެއް. އެހެންވީމަ ކޮމިޓީގައި މީހަކު ނެތަސް މައްސަލަތައް ކުރިއަށްދާނެ. ވަކި މީހެއް ހުރެގެންނެއް ނޫން އެއީ،" ފަލާހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު