ފެނަބާޗޭގެ ކޯޗު، ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯއަށް ދީފައިވާ އަދަބު ލުއިކޮށްދޭން ތުރުކީގެ ފުޓުބޯޅަ ފެޑަރޭޝަނުން ނިންމައިފިއެވެ.

އުމުރުން 62 އަހަރުގެ މޮރީނިއޯއަށް އަދަބު ދީފައި ވަނީ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު ލީގު މެޗަށްފަހު ރެފްރީއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ގަލަޓަސަރާއީއާއި ފެނަބާޗޭއަކީ ތުރުކީގެ އެންމެ ވާދަވެރި ދެ ކްލަބު ކަމަށްވާ އިރު، އެންމެފަހުން ދެޓީމު ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

އެ މެޗުގެ ވާދަވެރިކަމުން ދެ ކްލަބުގެވެސް އެދުމާއެކު ރެފްރީކަން ކުރީ ގައުމުން ބޭރު ރެފްރީއެއް ކަމަށްވާ ސްލޮވޭނިއާގެ ސްލަވްކޯ ވިނިކެވެ. އެހެންނަމަވެސް ހަތަރު ވަނަ ރެފްރީއަކަށް ހުރީ ތުރުކީގެ ރެފްރީއެކެވެ.

މެޗަށްފަހު މޮރީނިއޯ ފާޑު ކިޔާފައި ވަނީ ތުރުކީ ރެފްރީއަށެވެ. ތުރުކީ ފުޓުބޯޅަ ފެޑަރޭޝަނުން ބުނީ މޮރީނިއޯގެ ބަސްމަގު ހުރީ ރެފްރީންނަށް ހަޖޫ ޖަހައި އަބުރަށް އަރައިގަންނަ ކަހަލަ ގޮތަކަށް ކަމަށާއި، އެފަދަ ގޮތަށް ރެފްރީންނަށް ނިސްބަތްކޮށް ފާޑު ނުކިޔޭނެ ކަމަށެވެ.

އެ މައްސަލައިގައި މޮރީނިއޯއަށް ފުރަތަމަ އައި އަދަބަކީ ހަތަރު މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން 35،000 ޑޮލަރުގެ ޖޫރިމަނާއެކެވެ. ފެނަބާޗޭން އިސްތިއުނާފު ކުރުމުން އެ ސަސްޕެންޝަން ވަނީ ދެ މެޗަށް ކުޑަކޮށްދީ، ޖޫރިމަނާވެސް 12،200 ޑޮލަރަށް ކުޑަކޮށްފައެވެ.

އެ މެޗުގައި މޮރީނިއޯ ގަލަޓަސަރާއީ ބެންޗަށް އިޝާރާތްކޮށް ބުނި ބަހެއްގެ ސަބަބުން ނަސްލީ ތަފާތުކުރުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ގަލަޓަސަރާއީން ވަނީ ކޮށްފައެވެ. އެ މައްސަލައިގައި މޮރީނިއޯ ވަނީ ގަލަޓަސަރާއީއާ ދެކޮޅަށް އަބުރުގެ ދައުވާވެސް ކުރަން ނިންމައިފައެވެ.