ޕީއެސްޖީގައި ހޭދަކުރި ދެ އަހަރެއްހާ ދުވަހު ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އެ ކްލަބުގެ ކަންކަމަށް ހޭނެން އުނދަގޫތަކާ ކުރިމަތިވި ކަމަށް ލިއޮނަލް މެސީ ބުނެފިއެވެ.
އުމުރުން 37 އަހަރުގެ މެސީ، 21 އަހަރު ދުވަހު ބާސެލޯނާގައި ހޭދަކުރުމަށްފަހު ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. ދެ އަހަރު ދުވަސް ވަންދެން މެސީ އެ ކްލަބަށް ކުޅެފައިވާ އިރު، ޕީއެސްޖީގެ ބައެއް ސަޕޯޓަރުންގެ ނުރުހުން މެސީއަށް އަމާޒުވިއެވެ. އެއީ ލީގުގައި އެ ކްލަބުން ނަތީޖާ ނެރުނު ނަމަވެސް، ޗެމްޕިއަންސް ލީގުގައި އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާތީއެވެ.
އެމެރިކާގެ އެޕަލް މިއުޒިކްގެ ޒޭން ލޯވޭއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެސީ ބުނީ ޕީއެސްޖީއަށް ބަދަލުވީ ކުއްލި ނިންމުމެއް ނިންމާފައި ކަމަށާއި، ބާސާ ދޫކޮށްލުމަށްފަހު ދެން ހޭދަކުރި ދެ އަހަރަކީ އެންމެ ހިތްހަމަޖެހިގެން ހުރި ދެ އަހަރެއް ނޫން ކަމަށެވެ.
"އިންޓަ މިއާމީއަށް ބަދަލުވާން ލިބުނު ކޯލަކީ އަހަންނަށް ލިބުނު ފުރުސަތެއް. އެއީ ޕީއެސްޖީގައި ހޭދަކުރި ދެ އަހަރު، ހާއްސަކޮށް ފަހު އަހަރަކީ އަހަރެން އެހާ ހިތްހަމަޖެހިގެން ހުރި އަހަރެއް ނޫން. އާއްމު ދިރިއުޅުމުގައިވެސް އަހަންނަށް ޕީއެސްޖީގެ ދުވަސްތައް ފަސޭހައެއް ނޫން. ތަމްރީނުތަކާއި މެޗުތައްވެސް ދިޔައީ ރަނގަޅަކަށް ނޫން. އަހަންނަށް ޕީއެސްޖީގެ ކަންތައްތަކަށް ހޭނެން އުނދަގޫވި،" ރެކޯޑު އަށް ބެލޮންޑިއޯ ހޯދާފައިވާ މެސީ ބުންޏެވެ.
މެސީ އިންޓަ މިއާމީއަށް ބަދަލުވި އެއް ސަބަބަކީ، އެ ކްލަބާއި އެމެރިކާ ފުޓުބޯޅަވެސް މަޑުމަޑުން ކުރިއަރަމުންދާތީ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކްލަބާއެކު ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މެސީ ފާހަގަކުރިއެވެ.
އިންޓަ މިއާމީއާ ގުޅުނުފަހުން އެ ކްލަބަށް ކުޅުނު 42 މެޗުގައި މެސީ ވަނީ 36 ގޯލު ޖަހައި، 20 އެސިސްޓް ފުރިހަމަ ކޮށްފައެވެ.
މެސީގެ އިންޓަވިއުގައި އޭނާ އިތުރަށް ބުނީ މިއަހަރު މިއާމީގައި ހޯސްޓް ކުރާ ފީފާ ކްލަބު ވޯލްޑް ކަޕަކީ ޝައުގުވެރި މުބާރާތަކަށް ވާނެ ކަމަށާއި، އެ މުބާރާތުގައި ހޯސްޓް ކްލަބެއްގެ ގޮތުން އިންޓަ މިއާމީއާއެކު މުބާރާތް ކުޅެވުން އެއީ ލިބޭ އުފަލެއް ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ