ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި އިދިކޮޅު އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިއްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބުރާ ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން ސަސްޕެންޑް ކުރުމާ ގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މިދިޔަ ބުދަދުވަހު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނީ އެ ފަނޑިޔާރުން ސަސްޕެންޑް ކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އިބުރާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެއެވެ. ގާނޫނުއަސާސީގެ ބާރު ދިޔައީއެވެ.،" ގާނޫނުއަސާސީ އިސްލާހު ކުރަން އެއްކުރި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގައި ވެސް، ޑްރާފްޓިން ކޮމިޓީގެ މުގައްރިރުގެ ގޮތުގައި، ގާނޫނުއަސާސީ އިސްލާހު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި އިބުރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ، ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށާއި ގާނޫނުއަސާސީ އާއި ޖުޑިޝަރީ އުވާލައިގެން ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު