އިނގިރޭސި ޕްރިމިއާ ލީގުގެ މިހާތަނަށް އައިއިރު، އުނދަގޫ ހާލަތެއްގައި އޮތް މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ އެންމެފަހުގެ ޗެމްޕިއަން ސިޓީން ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ކައިރިން 1-0 އިން މޮޅުވި އިރު، ޔުނައިޓެޑުން އަމިއްލަ ދަނޑުގައި އިޕްސްވިޗް ކައިރިން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ސިޓީން ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމުން ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެއީ 27 މެޗުން 47 ޕޮއިންޓާއެކުގައެވެ. ޗެލްސީ ފަސްވަނައަށް ސޮއްސާލި އިރު، އެޓީމަށް 27 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ. ރޭ ހޯދި މޮޅާއެކުވެސް ޔުނައިޓެޑަށް ގަދަ 10 އަކަށް ޖެހިލަންވެސް އޮތީ އުނދަގޫ ހާލަތެެވެ. އެޓީމަށް 27 މެޗުން 33 ޕޮއިންޓް ލިބި، 14 ވަނައިގައި އޮތް އިރު، 10 ވަނައިގައި އޮތް އެސްޓަން ވިލާއަށް ވަނީ 28 މެޗުން 42 ޕޮއިންޓް ލިބިފައެވެ.

ސިޓީ ކުޅުނު މެޗުގައި އެޓީމުން މެޗު ފެށީ ވަރުގަދަކޮށެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ގޯލު ޖަހައި ލީޑު ނަގާފައިވާ އިރު، އޭނާ ގޯލު ޖެހީ ޖެރެމީ ޑޮކޫ ނަގައިދިން ހުރަސް ފަސޭހަކަމާއެކު ގޯލަށް ވައްދާލައިގެންނެވެ.

އޭގެ އިރުކޮޅެއްފަހުން ސަވީނިއޯއަށް ހުސް ފުރުސަތެއް ލިބި ބެކާރުވި އިރު، ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްވެސް ނުރައްކާ ކުރިއެވެ. ކެވިން ޑަންސޯ ފޮނުވާލި ހަމަލާ މަތަކުރީ ސިޓީ ކީޕަރު އެޑަސަންއެވެ.

ދެވަނަ ހާފުގައިވެސް ސިޓީން ނުރައްކާ ކުރިއިރު، އުމަރު މަރްމޫޝްއަށް ލިބުނު ފުރުސަތު ދިޔައީ ބޭނުން ނުހިފިއެވެ. އޭގެ ފަހުން މަތިއެސް ޓެލްއަށް އަނެއްކޮޅުން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ޓޮޓެންހަމް މާޔޫސްވިއެވެ.

ޔުނައިޓެޑުން ކުޅުނު މެޗުގެ ކުރީކޮޅުގައި އިޕްސްވިޗުން ލީޑު ނެގިއެވެ. އެއީ ޖޭޑެން ފިލޮޖީން ޖަހައިދިން ގޯލުންނެވެ. އޭގެފަހުން ސޭމް މުރްސީ އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން މަތިއެސް ޑެ ލިޓް ޖެހި ގޯލުން ޔުނައިޓެޑް ނަތީޖާ އަނބުރާލި ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅުގައި އެޓީމުގެ ޕެޓްރިކް ޑޯގޫއަށް ރަތް ކާޑު ދެއްކިއެވެ.

އެއީ އޮމާރީ ހަޗްކިންސްއަށް ކުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

އެހިސާބުން އިޕްސްވިޗަށް އަނެއްކާވެސް ހިތްވަރު ލިބި، ފިލޮޖީންގެ އިތުރު ގޯލަކާއެކު މެޗު އެއްވަރުކުރި އިރު، ދެވަނަ ހާފަށް ނުކުމެ ޔުނައިޓެޑް މޮޅުވީ ހެރީ މެގުއާ ޖެހި ގޯލުންނެވެ.