ހުޅުމާލޭ މަސްޖިދުލް ޝައިހު ގާސިމް ބިން އަލްސާނީ (ހުޅުމާލެ ބޮޑު މިސްކިތް) އޭސީކޮށް އާބާތުރަ ފިލުވުމަށްފަހު މިއަދު ހުޅުވައިފިއެވެ.

ހުޅުމާލެ ބޮޑު މިސްކިތް އޭސީކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އުރީދޫ މޯލްޑިވްސް އާއި ގަތަރު ޗެރިޓީއާ ގުޅިގެންނެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީއެވެ. ގަތަރު ޗެރިޓީގެ ފަރާތުން ސޮއިކުރެއްވީ ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު ފަހްރޫއެވެ.

މިއަދު އެކަމަށްޓަކައި އެ މިސްކިތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީ އާއި ގަތަރު ޗެރިޓީގެ ސީއީއޯ، އެސިސްޓަންޓް ފޯ ޕްރޮގްރާމް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހީދާއެވެ.

ހުޅުމާލެ ބޮޑު މިސްކިތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަމާދީ ވިދާޅުވީ އުރީދޫން ވިސްނަނީ ރައްޔިތުންނަށް އެ ކުންފުނީގެ ހިދުމަތް އެކި ގޮތްގޮތުން ލުއިފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ގެނެސްދެވޭ ގޮތެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްޓަކައި އެހާ އަވަސް މުއްދަތެއްގެ ތެރޭ، އެ މިސްކިތުގެ އާބާތުރަ ފިލުވައި އޭސީކޮށްދިން ކަމަށްޓަކައި ގަތަރު ޗެރިޓީއަށް ޝުކުރު އަދާކުރައްވާ ކަމަށް ހަމާދީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ، އެސިސްޓަންޓް ފޯ ޕްރޮގްރާމް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހީދާ ވިދާޅުވީ އެ މިސްކިތުގެ އާބާތުރަ ފިލުމަށް އުރީދޫން އިސްނަގައިގެން އެ މަސައްކަތް ގަތަރު ޗެރިޓީއާ ހަވާލުކުރުމުން ފެންނަނީ އުރީދޫން ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނުގެ އަޅުކަމަށް އިސްކަންދޭ މިންވަރު ކަމަަށެވެ. އަދި އެ ޗެރިޓީގެ މަގުސަދަކީވެސް ރައްޔިތުންނަށް އެއް މާހައުލަކުން ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަންކަން ކުރިއަށްގެންދިއުން ކަމަށް ރާޝިދު ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދުއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ބޮޑު މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތް ކުރި މިސްކިތެކެވެ. އެ މިސްކިތަކީ 1800 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ މިސްކިތެކެވެ.