ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަމުން ދަނިކޮށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު، ވޯޓުގައި ބައިވެރިވެވަޑައިނުގަނެ، މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާއަށް ހުށަހެޅުއްވީ، ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ހަމަ މިއަދު މަޖިލީހުން ވަނީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި، 78 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބިލު ބަލައިނުގަތުމަށެވެ. އެ ޖަލްސާގައި ޕީއެންސީގެ ނުވަ މެންބަރަކު ބައިވެރިވެވަޑައިގެންފައި ނުވާ އިރު، ޕީއެންސީގެ ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވުމަށް ފާސްކުރުމާ އެކު އިއްޔެ ހަވީރު ވަނީ އެ ބިލު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެމްޑީޕީގެ މެންބަރުން އެ ބިލަށް އިސްލާހުތަކެއް ހުށަހެޅި ނަމަވެސް، ކޮމިޓީން އެ އިސްލާހުތައް ފާސްވެފައެއް ނުވެއެވެ. އަދި މަޖިލީހަށް ހުށަހެޅި ގޮތަށް ކޮމިޓީން ވަނީ ބިލް ފާސްކޮށްފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލު ފާސްކުރުމަށް ވޯޓަށް އަހައިފައެވެ. އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، އެ ބިލަށް ވޯޓަށް އެހީ ރޯލްކޯލްކޮށް، ކޮންމެ މެންބަރެއްގެ ނަން ވަކިން އިއްވުމަށް ފަހުއެވެ.
އެ ބިލަށް ވޯޓަށް އެހިއިރު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 91 މެންބަރުންނެވެ. ބިލް ފާސްކުރުމަށް ވޯޓު ދެއްވީ 68 މެންބަރުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. އެ ބިލަށް ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއްވެސް މެންބަރެއް ނެތެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ވަނީ އެމްޑީޕީގެ ބައެއް މެންބަރުން ތަޅުމުން ބޭރުކޮށްފައެވެ. އެ މެންބަރުންގެ ނަން ރިޔާސަތުން އިއްވުމުން، ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ދެކޮޅު ހެއްދެވުމުން މަޖިލީހުގެ ސެކިއުރެޓީން ވަނީ އެ މެންބަރުން ތަޅުމުން ބޭރުކޮށްފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުއެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ހިމެނިވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގު ވަނީ ވޯޓަށް އެހުން ކުރިއަށް ދަނިކޮށް ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ.
އިއްޔެ މަޖިލީހަށް މި ބިލް ބަލައިގަތުމަށް އެހި ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެފަހުން ވަނީ ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްލައިފައެވެ.
އަބްދުއްސައްތާރު، މަޖިލީހަށް އެ ބިލު ހުށަހެޅުއްވި ބޭނުމެއްގެ ގޮތުގައި މި ބިލުގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ހާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާންކުރެވިފައިވާ ފަދައިން ގާނޫނުއަސާސީއަކީ ވަރަށް ފޮނި އުންމީދަކާއެކު ދިވެހިން ލިބިގަތް ގާނޫނުއަސާސީއަކަށްވާ އިރު، ގާނޫނުއަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުން އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ، އެ ބަދަލު އެންމެ އެކަށޭނެ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓު އެކުލެވިގެންދާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް އިސްލާހުތައް ގެނެސްގެން ކަމަށް ދެކޭތީ ކަމަށެވެ.
ބިލުގައި ވަނީ، މިހާރު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު، އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް ބަދަލުކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު، އޭނާގެ މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން، ޖޭއެސްސީން ނިންމާ ގޮތެއްގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި، ސުޕްރީމް ކޯޓުގައި ދެން ތިބި ފަނޑިޔާރުން އެ ފަނޑިޔާރުން ތިބި މަގާމުގައި ދެމިތިބޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަނެއްކާވެސް ހަތަކަށް ބަދަލުކުރިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު