ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ އިސްވެރީންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރަށް އަޅަން ނިންމައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލައެކެވެ. މި މައްސަލައިގައި ރައީސް އެދިވަޑައިގެންފައިވަނީ، ޝަރުއީ ދާއިރާތަކާއި މިނިވަން މުއައްސަސާތަކުގެ އިސްވެރީންގެ މުސާރައާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށެވެ.

މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މިކަމަކީ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

އެގޮތުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ތެރެއިން އަސާސީ މުސާރަ، 12،000 ރުފިޔާއަށްވުރެ މަތިން ލިބިވަޑައިގަންނަވާ މަގާމުތަކުގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެއެވެ.

އަދި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލިސް މެންބަރުންގެ އަސާސީ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަށްވާ ނަމަ، އެކަންވެސް މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި، މަޖިލީހުން ނިންމަވާ ގޮތެއް އަންގައިވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.

މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވިއެވެ.

އެ ކޮމިޓީގައި ޕީއެންސީގެ މެންބަރު ފުނަދޫ ދާއިރާގެ މުހައްމަދު މަމްދޫހު ވިދާޅުވީ، ރައީސް ފޮނުއްވި ގޮތަަށް އެ ތަންތަނުގެ މުސާރަ އުނިކުރެވޭނީ ގުޅުންހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށާއި އެއް ގިންތިއެއްގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށްވާ އިރު، ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން ކަމަށެވެ.

އެހެންވެ ރައީސް ފޮނުއްވި ގޮތަށް މުސާރަ އުނިކުރެވެން ނެތް ކަމަށާއި ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނައުމަށްފަހު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށް އެ މަނިކުފާނަށް ލަފާ ދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިފި ނަމަ، އެފިޝެންސީ އިތުރުކުރެވި ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށާއި އެ ދެ މުއައްސަސާގެ އިތުރުން އެއްކޮށްލެވޭނެ އިތުރު މުއައްސަސާތައް ދެނެގަނެ، އެ މުއައްސަސާތައް އެއްކޮށްލުމަށް ގާނޫނުތަކަށް ގެންނަޖެހޭ ބަދަލުތައް އަވަސްކޮށް ތަންފީޒު ކުރެއްވިއްޖެ ނަމަ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށް ރައީސަށް ލަފާދިނުމަށް ވެސް މަމްދޫހު ހުށަހެޅުއްވިއެވެ.

އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ އަބްދުލްގަފޫރު މުސާއެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި 44 މެންބަރުންގެ އިއްތިފާގުން ފާސްކުރީ ކޮމިޓީން ފޮނުވި ގޮތަށް، ޝަރުއީ ދާއިރާގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށެވެ.