އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ ކައިރިންވެސް މޮޅުވެ، 11 ޕޮއިންޓްގެ ލީޑަކަށް ޖެހިލައިފިއެވެ.

ޗެމްޕިއަން ސިޓީގެ ދަނޑުގައި ރޭ ލިވަޕޫލުން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި ހަފުތާގައި އާސެނަލުން ކުޅުނު މެޗުގައި ވެސްޓް ހޭމް ކައިރިން 1-0 އިން ބަލިވެފައި އޮތުމުން ލިވަޕޫލަށް އޮތީ ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކުރުމަށް ބޮޑު ފުރުސަތެއް ލިބިފައެވެ.

އާސެނަލް ބަލިވުމުގެ ފައިދާ ފުރިހަމައަށް ނަގައި ލިވަޕޫލް އެއްވަނައިގައި އޮތީ 27 މެޗުން 64 ޕޮއިންޓާއެކުގައެވެ. އާސެނަލް ދެވަނައިގައި 26 މެޗުން 53 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 26 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. ސިޓީ ބަލިވުމާއެކު އެޓީމު ހަތަރު ވަނައިގައި އޮތީ 26 މެޗުން 44 ޕޮއިންޓާއެކުގައެވެ.

ސިޓީން ރަނގަޅު ފެށުމަކުން މެޗު ފަށައި، ލިވަޕޫލްގެ ފަހަތަށް ނުރައްކާ ކުރަމުން ދަނިކޮށް، 14 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައި ލީޑު ނެގީ ލިވަޕޫލެވެ. އެލެކްސިސް މެކް އަލިސްޓާ ތިރިިތިރިން ނަގައިދިން ކޯނަރު، ޑޮމިނިކް ޒޮބޮސްލާއީ ޖައްސާލުމުން ބޯޅަ ގޯލަށް ވައްދާލީ މުހައްމަދު ސަލާހެވެ.

އެއީ ސަލާހް މި ސީޒަނުގައި ޖެހި 30 ވަނަ ގޯލެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެއީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތުގައި ޒޮބޮސްލާއީ ޖަހައިދިން ގޯލެކެވެ.

ދެވަނަ ހާފުގައިވެސް ސިޓީއަށް މާ ބޮޑަށް ލިވަޕޫލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އަނެއްކޮޅުން ލިވަޕޫލުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތުގައި ލުއިސް ޑިއާޒަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ އެޑަސަންއެވެ.

ލީގުގެ ފަސްވަނައިގައި އޮތް ނިއުކާސަލްއިން ރޭ ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ކައިރިން 4-3 އިން މޮޅުވި އިރު، ނިއުކާސަލްއަށް ވަނީ 26 މެޗުން 44 ޕޮއިންޓް ލިބިފައެވެ. ސިޓީއާ ނިއުކާސަލްގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެކެވެ.