ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު"އަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލު ފޮނުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު އެ ބިލު ހުށަހަޅުއްވަނީ އަމިއްލަގޮތުންނެވެ.
އަބްދުއްސައްތާރު ބިލު ހުށަހަޅުއްވާ ބޭނުމެއްގެ ގޮތުގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ކުރީގެ ހާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައި ވެސް ބަޔާންކުރެވިފައިވާ ފަދައިން ގާނޫނުއަސާސީއަކީ ވަރަށް ފޮނި އުންމީދަކާއެކު ދިވެހިން ލިބިގަތް ގާނޫނުއަސާސީއަކަށްވާ އިރު، ގާނޫނުއަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ، ރައްޔިތުން އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ އެ ބަދަލު އެންމެ އެކަށޭނެ ގޮތަކަށް ރައްޔިތުންނަށް ލިބިގެންދާނީ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓު އެކުލެވިގެންދާ ގޮތް ކުރިއެކޭ ވެސް އެއްގޮތަށް އިސްލާހުތައް ގެނައުން ރަނގަޅުކަމަށް ދެކޭތީ ކަމަށެވެ.
އެ ބިލުގައި ވަނީ، މިހާރު ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗު، އުއްތަމަފަނޑިޔާރާއެކު ފަސް ފަނޑިޔާރުންގެ މައްޗަށް ބަދަލުކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމުލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު، އޭނާގެ މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ގޮތުން، ޖޭއެސްސީން ނިންމާ ގޮތެއްގެ މަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި، ސުޕްރީމް ކޯޓުގައި ދެން ތިބި ފަނޑިޔާރުން އެ ފަނޑިޔާރުން ތިބި މަގާމުގައި ދެމިތިބޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަނެއްކާވެސް ހަތަކަށް ބަދަލުކުރިއެވެ.
މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު