އިންޑިއާގެ ސުޕަ ސްޓާރު ވިރާތު ކޯލީ ހަދައިދިން ސައްތައާއެކު އައިސީސީ ޗެމްޕިއަންސް ޓްރޮފީގައި އިންޑިއާއިން ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން ކައިރިން މޮޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ ހަތް ޓީމުގެ އިތުރުން ހޯސްޓް ގައުމުގެ ގޮތުގައި ޕާކިސްތާނުން ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރަމުންދާ އިރު، އިންޑިއާ ކުޅޭ ގްރޫޕް އޭގެ މެޗުތައް ހޯސްޓް ކުރަނީ ދުބާއީގައެވެ. ގްރޫޕް އޭގައި އިންޑިއާގެ އިތުރުން ނިއު ޒިލެންޑާއި ބަންގުލަދޭޝް އަދި ޕާކިސްތާން ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ދެކުނު އެފްރިކާގެ އިތުރުން އޮސްޓްރޭލިއާ، އިންގްލެންޑް އަދި އަފްގާނިސްތާނެވެ.

މިރޭގެ މޮޅާއެކު އިންޑިއާއިން ސެމީ ފައިނަލާ ގާތަށް ޖެހިލި އިރު، ކޮންމެ ގްރޫޕަކުންވެސް ސެމީއަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ. އިންޑިއާއިން ޑުބާއީގެ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި މިރޭ ޕާކިސްތާން ބަލިކުރީ ހަ ވިކެޓުންނެވެ.

މެޗުގައި ޕާކިސްތާނަށް ޓޮސް ދިމާވުމުން ބެޓް ކުރަން އަރައި، 49.4 އޯވަރު ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވި އިރު، ހެދުނީ 241 ލަނޑެވެ. ސައު ޝަކީލް ޕާކިސްތާނަށް 62 ލަނޑު ހަދައިދިން އިރު، މުހައްމަދު ރިޒްވާން ވަނީ 46 ލަނޑު ހަދައިފައެވެ. އިންޑިއާއަށް އެންމެ ރަނގަޅަށް އުކީ ސްޕިނާ ކުލްދީޕް ޔާދޭވާއި ހާދިކް ޕަންޑްޔާއެވެ.

ކުލްދީޕް ވަނީ ތިން ވިކެޓް ނަގައިފައެވެ. ހާދިކް ވަނީ ދެ ވިކެޓް ނަގައިފައެވެ.

ބަދަލުގައި ކުޅެން އަރައި އިންޑިއާއަށް ތަފާތު ދެއްކީ ކޯލީއެވެ. ފަހު ބޯޅައިން ހަތަރު ލަނޑު ހަދައި، ކޯލީ ސައްތައެއް ފުރިހަމަ ކުރި އިރު، އޭނާ 100 ލަނޑު ހެދީ 111 ބޯޅައިންނެވެ. އިންޑިއާއިން 42.3 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވި އިރު، 244 ލަނޑު ހެދިއެވެ.

އިންޑިއާއިން ކުރިން ކުޅެފައި އޮތް މެޗުގައި ހަ ވިކެޓުން ބަންގްލަދޭޝްވެސް ބަލިކޮށްފައި އޮތް އިރު، ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒީލެންޑް ކައިރިން ބަލިވީ 60 ލަނޑުންނެވެ. އެހެންކަމުން އިންޑިއާއަށް ސެމީގެ ފުރުސަތު ބޮޑުވި އިރު، ޕާކިސްތާނަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.