ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ފައިނަލްގެ ދެވަނަ ޖާގަ، ކ. ކާށިދޫން ހޯދައިފިއެވެ.

ކާށިދޫން އެ ރަށުގެ ތާރީހުގައި މުޅިން އަލަށް ސެމީ ފައިނަލަށް ނުކުމެ، 2023 ވަނަ އަހަރު ފައިނަލުގައި ކުޅުނު ގދ. ވާދޫ ބަލިކުރީ ފަހަތުން އަރައި، 4-2 ގެ ނަތީޖާއަކުންނެވެ.

މިއީ ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ނުކުންނާނެ ފުރަތަމަ ފަހަރުވެސް މެއެވެ. އެޓީމުން ފައިނަލުގައި ވާދަކުރާނީވެސް މުޅިން އަލަށް ފައިނަލަށް ދިޔަ ހދ. ނައިވާދުއާ ދެކޮޅަށެވެ.

ކާށިދޫ ވެގެން ގޮސްފައިވަނީ މިފަހަރު މުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ޓީމަކަށެވެ. ހާއްސަކޮށް، ހިތްވަރާއެކު ތަފާތު ރޫހެއްގައި ނަތީޖާ އަނބުރާލާވެސް ޓީމެއްގެ ގޮތުގައެވެ. މިރޭގެ ސެމީއާ ހަމައަށް އެޓީމުން ކުރި ދަތުރުގައި ކ. އަތޮޅު ބުރުގައި ވަރުގަދަ ގާފަރު ކަޓުވާލި އިރު، ގަދަ 16 ގައި ތ. ތިމަރަފުށިވެސް ކަޓުވާލާފައިވެއެވެ. އަދި ކުއާޓާ ފައިނަލުގައި މިދިޔަ އަހަރު ސެމީގައި ކުޅުނު ވިލިމާލެ ވެސް އެޓީމުން ތަފާތު ދައްކައި ބަލިކުރިއެވެ.

މިރޭގެ މެޗު ވެގެން ގޮސްފައިވަނީ އަވަސް ޓެމްޕޯއެއްގައި ފެށި މެޗަކަށެވެ. މެޗު ނިމެންދެންވެސް ދެ ޓީމުން އެ އަވަސްކަން ހިފަހައްޓާފައިވާ އިރު، ކުރީކޮޅުގައިވެސް ފައުލްތައް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ދެ ހާފުގައިވެސް، ދެ ޓީމުވެސް ފަސް ފައުލް ހަމަވެ، ދުރު ޕެނަލްޓީވެސް ލިބުނެވެ.

މެޗުގެ ކުރީކޮޅުގައި ނަޝާހް އަހުމަދު (ނައްޓު) ޖެހި ގޯލުން ލީޑު ނަގައި ވާދޫން ނުރައްކާ ކުރި ނަމަވެސް، 13 ވަނަ މިނެޓުގައި އަޔާޒް އަހުމަދު (އަޔާ) އަތުން ބައިކޮޅަށް ވަން ގޯލަކާއެކު ކާށިދޫ އެއްވަރުކުރިއެވެ. އެ ހިސާބުން އެޓީމުގެ ނުރައްކާ ބޮޑުވި އިރު، ފުރަތަމަ ހާފުގައި ލިބުނު ދުރު ޕެނެލްޓީތަކެއް މުހައްމަދު އަޖުވަދު ސޮލާހް އަތުން ބޭކާރުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އަޖުލާން އަބްދުލް ހަންނާން ޖެހި ހިތްގައިމު ގޯލުން ކާށިދޫ ފަހަތުން އަރައި ލީޑު ނެގި އިރު، އޭގެ މިނެޓެއް ފަހުން ނައްޓު އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ.

އެ ތަފާތު ފޯރީގައި ފަހުކޮޅަށް ގޮސް، ކާށިދޫން ފަހު ފަސް މިނެޓް ތެރޭގައި ދެ ގޯލު ޖެހިއެވެ. އެއީ އިސްމާއީލް ރަޔާން ޖަހައިދިން ދެ ގޯލުންނެވެ.

މެޗުގެ ފަހުކޮޅުގައި ވާދޫގެ ނައްޓުއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައިވާ އިރު، ފަހު ވަގުތުކޮޅުގައި ވާދުއަށް ލިބުނު ދުރު ޕެނަލްޓީއެއްގައި، އޭރިއާ ކައިރިން މުހައްމަދު ނާއިލް ފޮނުވާލި ބާރު ހަމަލާ ކާށިދޫގެ ކީޕަރު މުހައްމަދު ސަލީލް ވަނީ މަތަކޮށްފައެވެ.

ކާށިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭ ފުރަތަމަ ފައިނަލުގައި ހދ. ނައިވާދުއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 25 ވާ އަންގާރަ ދުވަހުގެ ރޭ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.