ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލަށް ހދ. ނައިވާދޫން ދަތުރުކޮށްފިއެވެ.
ނައިވާދޫން ފައިނަލަށް ދަތުރުކުރީ މިރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުރިއަށްދިޔަ ސެމީ ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ލ. ގަން ކައިރިން 3-1 އިން މޮޅުވެގެންނެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ގަމުން މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، މިއީ ނައިވާދޫން ސެމީ ކުޅުނުވެސް ފުރަތަމަ ފަހަރެވެ. އަދި އެޓީމުން މުޅިން އަލަށް ފައިނަލަށް ނުކުންނާނީވެސް މުޅިން އަލަށް ފައިނަލަށް ނުކުންނަ ކ. ކާށިދޫއާ ދެކޮޅަށެވެ.
މިރޭގެ ސެމީއަށްވެސް ނައިވާދޫން އަބްދުﷲ ޝާފިއު (ޝާއްޕެ) އާ ނުލައި ނުކުތް އިރު، މެޗު ފެށިގެން ފުރަތަމަ ފަސްވަރަކަށް މިނެޓުގައި ދެޓީމުންވެސް ބޮޑަށް ވިސްނީ ޑިފެންސަށެވެ. އޭގެ އިރުކޮޅެއްފަހުން މަޑުމަޑުން ނައިވާދޫ ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން މުހައްމަދު ޝާއިން އަރިމަތިން ފޮނުވާލި ދެ ހަމަލާއެއް ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން މަތަކުރި އިރު، އޭނާގެ އިތުރު ހަމަލާއެއްވެސް ދަނޑިއަށް އަމާޒުވިއެވެ.
ނައިވާދޫން މަޑުމަޑުން ނުރައްކާ ކުރަމުން ގޮސް، މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީވެސް ޝާއިންއެވެ.
ނައިވާދޫގެ އެ ގޯލަށްފަހު ގަމުން ބަދަލުތަކާއެކު މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އަހުމަދު ހަލީމް (އަންމަޑޭ)، 16 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ. އެއީ އަރިމަތިން ކުރިއަށް ޖެހި ހުސައިން ނާޝިދު (ނާއްޓޯ) ނަގައިދިން ބޯޅައެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެޓީމު އެއްވަރުވެފައި އޮވެ ދެވަނަ ހާފަށް ނުކުތް އިރު، ދެވަނަ ހާފުގައި ނައިވާދޫން ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް އެޓީމުގެ އަހުމަދު ހަމީދު (އަންމަޑޭ) އާއި ޔާމިން މުހައްމަދު (ޔާންޓެ) ގަން ހިފަހައްޓަން ތަފާތު މޮޅަށް ކުޅެފައިވާ އިރު، 25 ވަނަ މިނެޓުގައި އަންމަޑޭ ނައިވާދުއަށް ލީޑު ނަގައިދިނެވެ. އެ ގޯލަކީ ގަމުގެ އަންމަޑޭ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ގޯލެކެވެ.
ނައިވާދޫން މެޗު ޔަގީންކުރީ ފަހު މިނެޓު ކޮޅުގައި ކީޕަރުވެސް ބީޓްކޮށްލާފައި ޝާއިން ޖަހައިދިން އިތުރު ގޯލަކާއެކުގައެވެ.
ނައިވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭ ފުރަތަމަ ފައިނަލުގައި ކ. ކާށިދުއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 25 ވާ އަންގާރަ ދުވަހުގެ ރޭ 8:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް