ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ސެމީ ފައިނަލަށް ނުކުންނަ އިރު، ކ. ކާށިދުއަކީ ފަސޭހަ ޓީމެއް ކަމަށް ނުބަލާނެ ކަމަށާއި، ގދ. ވާދޫން ނުކުންނާނީ އިތުރު ހިތްވަރަކާއެކުގައި ކަމަށް ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ބުނެފިއެވެ.

ކާށިދޫން މިރޭ ރަށުގެ ތާރީހުގައި ގޯލްޑަންގެ ފުރަތަމަ ސެމީއަށް ނުކުންނަނީ ކުއާޓާ ފައިނަލްގައި ވަރުގަދަ ވިލިމާލެ ކަޓުވާލައި، ގަދަ 16 ގައި ތ. ތިމަރަފުށިވެސް ކަޓުވާލައިފައެވެ. އޭގެ ކުރިން އަތޮޅު ސެމީ ފައިނަލުގައި އެޓީމުން ވަނީ ކ. ގާފަރުވެސް ކަޓުވާލައިފައެވެ.

ވާދޫން ކުއާޓާގައި ވަރުގަދަ މެޗެއް ކުޅެ، އއ. މަތިވެރި ކަޓުވާލީ ޕެނަލްޓީގައި 8-6 އިންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 4-4 އިން އެއްވަރުވެގެންނެވެ. މެޗު އެއްވަރުކުރި ގޯލު ވާދުއަށް ފަހު ސިކުންތުކޮޅުގައި ޖަހައިދިނީ ކެޕްޓަން އަޔާއެވެ.

"ކޯޗު ކުޅުންތެރިންނަށް ހިތްވަރު ދީފަ ބުނީ ވާނެއޭ އަދިވެސް. އަދި އަޔާ ކުރިއަށް ޖައްސާފަ އަޔާ ކައިރީ ބުނީ ހިފަހައްޓައްޗޭ. އަދި އަޔާ ހިފައިފިއްޔާ ވާނެ ކަމަށް ބުނި. މަތިވެރި ފަސޭހަކޮށްގެން ނޫން ނުކުތީވެސް. އިނގޭ މަތިވެރިއަކީ ތަފާތު މަސައްކަތު ރޭޓެއްގެ ޓީމެކަން. އަޔާ ދެވަނައަށް އެންމެ ސަޕޯޓް ކުރާ ޓީމޭ ބުންޏަސް ދޮގަކަށް ނުވާނެ. މެޗުގައި ވަރަށް ބޮޑަށް ކިކްގައި ނަގައިގެން ވީވެސް،" އަޔާ މަތިވެރި މެޗަށްފަހު ބުންޏެވެ.

އަޔާ ބުނީ ސެމީގައި ކާށިދޫ ފަސޭހަކޮށްލެވެން ނެތް ކަމަށާއި، އެޓީމަކީ މިހާރު ގިނަ ބައެއްގެ ފެވަރިޓެއް ކަމަށެވެ.

"އަޔާ ބޭނުންވަނީ މަސައްކަތު ރޭޓް އަދިވެސް ހިއްލާލައިގެން ނުކުންނަން. ދެން ކާށިދުއަކީ ގިނަ ބައެއްގެ ފެވަރިޓެއް. އެއީ އެޓީމުގެ މަސައްކަތު ރޭޓް ތަފާތަކީ. ދެން އެޓީމު ރަނގަޅަށް ބަލާލީމަ އެނގޭނީ އަސްލު ތަފާތު. ސެމީ މެޗަށްވެސް ސަޕޯޓަރުން ބޭނުންވާނެ. ދެން ސަޕޯޓަރުންނާއި ކައުންސިލުން ކޮށްދޭ ކަންތައް އަބަދުވެސް ބަލައިގަންނަން. އެއީ ވަރަށް ބޮޑު އެހީއެއް،" އަޔާ ބުންޏެވެ.

ކާށިދުއާ ދެކޮޅަށް ވާދޫ ނުކުންނަ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.