މެޗެއް ޕެނަލްޓީއަށް ގޮސްފިނަމަ، އެ މެޗެއް ނެގޭނެކަމުގެ ބޮޑު ޔަގީންކަމެއް އަބަދުވެސް އޮންނަ ކަމަށް ލ. ގަމު ޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި ފެނިގެންދާ އަހުމަދު ހުޝާމް (ގުންޒާލޯ) ބުނެފިއެވެ.
ލ. ގަމުން މިފަހަރު މުބާރާތުގެ ވެސް ސެމީ ފައިނަލް ޔަގީންކޮށްފައިވާ އިރު، އެޓީމުން އެ ޖާގަ ޔަގީންކުރީ އެންފަހުގެ ޗެމްޕިއަން ބ. އޭދަފުށި ކުއާޓާ ފައިނަލުގައި ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީއާ އެކު ގަމުން މެޗު ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.
ޕެނަލްޓީއަށް ގޮސް، އޭދަފުށީގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އާއި މުހައްމަދު ފާސިރު (ފާއްޓެ) އަދި ހުސައިން ޝަރީފް ޖެހި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ) ޖެހި ޕެނަލްޓީއާއެކު ބޮޑު މައްސަލަގަނޑެއް ވެސް ޖެހިފައިވެއެވެ.
ގަމުގެ އަންމަޑޭ ޖެހި ޕެނަލްޓީ، އޭދަފުށިން ޕެނަލްޓީއަށް ނެރުނު ކީޕަރު މުހައްމަދު އަޖުފާން މަތަކޮށް ހިފައިގެން އޭނާ ގޯލު ތެރެއަށް އޮށޯތުމާއެކު ބޯޅަ އެތެރެވިހެން ހީވި ނަމަވެސް ލައިން ބަލަން ހުރި ރެފްރީ ފުރަތަމަ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެހެންނަމަވެސް ފަހުން ރެފްރީން މަޝްވަރާކޮށް، އެ ނިންމުން ބަދަލުކުރީ ޝަކުވާތަކަކާ ވެސް އެކުގައެވެ.
އޭގެފަހުން ގަމުގެ ކީޕަރު ހުޝާމް މޮޅު ސޭވެއް ކުރި އިރު، ގަން މޮޅުކޮށްދިނުމުގައި އޭނާ ޕެނަލްޓީއަށް ނުކުމެ ކުޅުނީ މުހިއްމު ދައުރެކެވެ. އެ މަންޒަރު ގަދަ 16 ގައި ގަމުން ރ. އިނގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހުޝާމްގެ ފަރާތުން ފެނުނެވެ. އެ މެޗުގައި ވެސް މޮޅު ސޭވްތަކެއް ކޮށް، ޕެނަލްޓީން ގަން ސަލާމަތްކޮށްދިނީ ހުޝާމެވެ.
"ފުރަތަމަވެސް އަލްހަމްދުﷲ މެޗު ނަގާލެވުނީމަ. މިއީ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް އެއްކޮށް ކުރި މަސައްކަތް. މެޗަށް ނުކުތްއިރުވެސް ބޭނުންވީ ކޮންމެހެނެއްވެސް މެޗު ނަގާލަން. ކޮންމެހެނެއްވިޔަސް، އަހަރުން ބޭނުންވީ ގަމު ޓީމު ލެވެލްގައި ކުރިއަށްދާން. އެއީ މެޗަކަށްފަހު މެޗެއް ނަގަމުން ކުރިއަށްދިޔުން. ހިރިލަންދޫ މެޗާއި ދެން ޖެހިގެން އައި ޒޯން ފައިނަލުގައިވެސް ޓީމު ދަށްކޮށް ދިޔައީ. ދެން އެންމެން ޕްރެކްޓިސްއަށް ގޮސް، އެކައްޗެއް ކިޔައިގެން ބޭނުންވީ އަސްލު ލާމު ގަން ދައްކާލަން. އެހެންވީމަ އެކަމަށް މަސައްކަތް މި ކުރަނީ. ތަށްޓާ ހަމައަށް ދާން ކުރާ މަސައްކަތް މިއީ،" ހުޝާމް ކުއާޓާ ފައިނަލް މެޗަށްފަހު ބުންޏެވެ.
އޭގެ އިތުރުން އޭނާ ބުނީ އަދިވެސް ޕެނަލްޓީއަށް ގޮސްފިނަމަ، އިރާދަކުރެއްވިއްޔާ މެޗު ނަގައިދޭނެކަމުގެ ޔަގީންކަން ދޭނެ ކަމަށެވެ.
"އަދިވެސް ހަމަ ބުނާނީ ޕެނަލްޓީއަށް މެޗެއް ގޮސްފިނަމަ، އިންޝާﷲ ޔަގީންކަމާއެކު ވިން ކުރެވޭނޭ. ޓީމު އެންމެންނަށާއި ސަޕޯޓަރުންނާއި މުޅި ގަމުގެ އެންމެންނަށްވެސް އެ ޔަގީންކަންދެން. އަހަރެން ގޯލަށް އަރައިފިއްޔާ އިރާދަކުރެއްވިއްޔާ ޕެނަލްޓީ ނަގައިދޭނަން،" ހުޝާމް ބުންޏެވެ.
ގަމުން 2023 ވަނަ އަހަރު މުބާރާތް ނަގައި، މިދިޔަ އަހަރު ފައިނަލް ކުޅުނެވެ. އެޓީމުން މިފަހަރު ސެމީގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ހދ. ނައިވާދޫއާ ދެކޮޅަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް