މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު މިހާރު އޮތީ ވަރަށް ބޮޑަށް ގޯސްކޮށްކަން ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް، އެކަންކަން ހައްލު ނުކޮށް ފިލަން ދުއްވައި ނުގަންނާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑުން މިހާތަނަށް ސީޒަނުގެ ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން، 12 މެޗުން ވަނީ ބަލިވެފައެވެ. އޭގެ ތެރެއިން 8 މެޗުގައި އެޓީމަށް އިރުޝާދު ދިނީ އާ ކޯޗު އަމޯރިމް އެވެ. އެ ދަށް ނަތީޖާތަކާއެކު ޔުނައިޓެޑް ލީގު ތާވަލުގެ 14 ވަނައިގައި އޮތީ ތާރީހީ ބޮޑު އަނދަވަޅެއްގައެވެ.
މިއީ 1973- 74 ވަނަ އަހަރުގެ ސީޒަނަށްފަހު ޔުނައިޓެޑުން ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން 12 މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެޓީމުން ބަލިވީ ޓޮޓެންހަމް ކައިރިންނެވެ.
"ތި އެންމެންނަށް ފެނިގެން، ތި އެންމެންވެސް ތި ދައްކާ ވާހަކަތައް އަހަންނަށްވެސް އެބަ ފެނޭ. ޔުނައިޓެޑްގައި އެތައް މައްސަލައެއް އެބައޮތް. މި ވަޒީފާ ވަރަށް އުނދަގޫވެސް އުނދަގޫ. އެހެންވިޔަސް އަހަރެން ހުންނާނީ އަހަރެންގެ ގޮތުގައި. އަހަރެން ރެކެން ދުވާކަށް ނުޖެހޭނެ. މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ. ގިނަ މެޗުތަކަކުން ބަލިވުމަކީ ހިތްދަތިވާނެ ކަމެއްކަންވެސް އެނގޭ. އެހެންވިޔަސް، ހަފުތާއަކުންވެސް ހާލަތު ބަދަލުކުރެވިދާނެ،" އަމޯރިމް ބުންޏެވެ.
ޔުނައިޓެޑަކީ އަމޯރިމް ހަވާލުވި އިރުވެސް ހާލަތު ގޯސްކޮށް އޮތް ކްލަބެކެވެ. އަމޯރިމްގެ ފަހުންވެސް ޓީމު ތެރޭގެ ބައެއް މައްސަލަތައް ފެންމަތިވެ، އަމޯރިމް ވަނީ ބައެއް ކުޅުންތެރީން ދޫވެސް ކޮށްލައިފައެވެ. އޭގެ ތެރޭގައި މާކަސް ރަޝްފޯޑުވެސް ހިމެނެ އެވެ.
އޭގެ އިތުރުން ޔުނައިޓެޑަށް އަނިޔާގެ މައްސަލަތައްވެސް ބޮޑުކޮށް އޮތްއިރު، އެޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އަމަޑް ޑިއާލޯއަށްވެސް ވަނީ ބޮޑު އަނިޔާއަކާއެކު ސީޒަން ނިމިފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް