ލ. ގަމު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ، ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ނެތްތަން، ޕްރެޝަރު ވަގުތުތަގައި ދައްކާ ކަަމަށާއި، އެތަން ފޫބައްދަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމަށް ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) ބުނެފިއެވެ.

ގަމާއެކު 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށް، އެފަހަރު "ކިންގް"ގެ މަގާމު ހޯދި އޮންލީގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސާޖަރީ ކުރީ މިދިޔަ އަހަރު ޖުލައި މަހުއެވެ. އޮންލީ ސާޖަރީ ކުރީ ޕޮސްޓޭރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އެއްކޮށް "ޓިއާ"ވުމާއެކު ދެން އިތުރަށް ކުޅޭނަމަ، ސާޖަރީ މަޖުބޫރުވުމުންނެވެ.

ގަމުން މިހާތަނަށް މުބާރާތުގައި އޮންލީއާ ނުލައި ކުއާޓާ ފައިނަލާ ހަމައަށް ގޮސްފައިވާ އިރު، އެޓީމަށް އެއީ ފަސޭހަ ދަތުރަކަށް ނުވިއެވެ. އަތޮޅު ތަށި ގެއްލިފައިވާ އިރު، ޒޯން ފައިނަލުގައިވެސް ތ. ތިމަރަފުށި އަތުން ވަނީ ބަލިވެފައެވެ. ގަދަ 16 އަށް ނުކުމެ، އިނގުރައިދޫ ކައިރިންވެސް މޮޅުވީ ޕެނަލްޓީގައެވެ. އެއީ 1-1 އިން މެޗު އެއްވަރުވެގެން ޕެނަލްޓީއަށް ގޮސްގެންނެވެ.

"ހިތްހަމަ ޖެހޭ މޮޅެއް ހޯދުނީމަ. އެކަމަކުވެސް ޕްރެޝަރު ހެންޑަލް ކުރުމުގެ ސައިކޮލޮޖިކަލް އިޝޫއެއް ޓީމުގައި އެބައުޅޭ. ދެން އެކަންތައް ހައްލު ކޮށްލައިގެން ގަޑި ހުއްޓާ މެޗުގައި އެކަން ހައްލުވާނެ ކަމަށް މިބަލަނީ. ޓީމުގެ އެންމެ މުހިއްމު އެއްޗަކީ އެކަކު އަނެކަކާ އޮންނަ ގުޅުން. އޮންނަ އިތުބާރު. އަދި އޭގެ އިތުރުން ގަމަކީ ވޯކް ރޭޓް ވަރަށް ވަރުގަދަ ޓީމެއް،" އިއްސެ ގަދަ 16 ގެ މެޗަށްފަހު ބުންޏެވެ.

"ރަނގަޅަށް ކުޅެފައިވެސް އެބަ އާދޭ ޕްރެޝަރު ހެންޑަލް ކުރުމަށް އަންނަ އުނދަގޫކަމެއް. ކުރިން އެކަން ބަލަހައްޓަމުން އައީ އޮންލީ. ކޮންމެހެންވެސް އޭނާ ނެތްތައް ދައްކާނެ. އެތަން އަދި އެންމެ ރަނގަޅަށް މެނޭޖު ނުކުރެވިގެން މިދަނީ ބައެއް ފަހަރު. އެކަމަކު އެކަން މިހާރުވެސް ރަނގަޅުވަމުން މިދަނީ،" އޮންލީ ނެތްތަން ދައްކާ ކަމަށް ބުނެ، އިއްސެ ފާހަގަކުރިއެވެ.

މިދިޔަ އަހަރު ފައިނަލުގައި ގަމާއި ބ. އޭދަފުށި ވާދަކޮށް، ގަން ބަލިވެފައިވާ އިރު، މިރޭގެ ކުއާޓާގައި ގަމުން 8:00 ގައި ނުކުންނަން ޖެހޭނީ އޭދަފުއްޓާ ދެކޮޅަށެވެ. މިއަހަރުގެ ޗެރިޓީ ޝީލްޑްގައި ގަމުން ވަނީ އޭދަފުށި ކައިރިން މޮޅުވެފައެވެ.