އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓަށް މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މިހާތަނަށް ވެފައި ވަނީ އުނދަގޫ މުބާރާތަކަށް ނަމަވެސް، ހިތްވަރު ދޫނުކުރާނެ ކަމަށް ކޯޗު އަބްދުﷲ ނަސީރު (އަބޯ) ބުނެފިއެވެ.

އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ދިފާއުކުރަން މިފަހަރު މުބާރާތަށް ނުކުތް އިރު، އެޓީމަށް އުނދަގޫ ހާލަތްތަކެއް ވަނީ ކުރިމަތިވެފައެވެ. ފުޓްސަލް ޓީމުގައި ހިމަނާފައި އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން (ބިޑި)ގެ ބޭނުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޕްރެކްޓިސް ފެށުމާއެކު ކުރެވޭނެ ގޮތެއް ކޯޗު އަބޯއަކަށް ނުވިއެވެ. އެ ދެކުޅުންތެރިންނަކީވެސް މިދިޔަ އަހަރު ތަށި ހޯދި ޓީމުގެ މުހިއްމު ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން އަނިޔާގެ ބޮޑެތި މައްސަލަތަކެއްވެސް އޭދަފުއްޓަށް އެބައޮތެވެ.

ޒޯން ފައިނަލް އެޓީމުން ކާމިޔާބުކުރި އިރު، ކީޕަރުގެ މައްސަލަތަކެއްވެސް ހުއްޓެވެ. މުބާރާތް ފެށުމުގެ ކުރިން އޭދަފުށިން މިދިޔަ އަހަރު ބަދަލަކަށް ބޭނުންކުރި އަހުމަދު އަފްޒަލަށް އަނިޔާވެ، އޭނާއަށް މުބާރާތް ގެއްލުނެވެ. އަދި އޭގެ ފަހުން އަބްދުﷲ ނާސިހު (ރާޖް)އަށްވެސް އަނިޔާވެފައިވާ އިރު، ރާޖް ވަނީ ގަދަ 16 ގެ މެޗުގައި ފުވައްމުލަކު ދަޑިމަގާ ދެކޮޅަށް ކުޅެފައެވެ.

އެ މެޗު އޭދަފުށިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ކޯޗު އަބޯ ބުނީ ޓީމުން ފެންނަނީ ކުޅުންތެރީންގެ ހިތްވަރު ކަމަށާއި، މާޔޫސްވެފައި އޮތް ވަގުތުގައިވެސް ކުޅުންތެރިން ތަފާތު ރޫހެއް ދެއްކި ކަމަށެވެ.

"އިންޝާ ﷲ ވަރަށް ރަނގަޅަށް މި ދިޔައީ. މިއީ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް. ޓީމު އަނެއްހެން އޮތީ ވަރަށް ބޮޑަށް މާޔޫސްވެސް ވެފައި. އެ ކަހަލަ ހާލަތެއްގައި އޮވެ ޓީމުން މި ދެއްކީ ތަފާތު ހިތްވަރެއް. ކުޅުންތެރިންގެ އެވޭލިބިލިޓީއަށް ހުރި މައްސަލަތައް ހައްލު ކުރުމަށް މިހާރު ހަމަ ކުޅުންތެރިން ޕްރެކްޓިސްތަކުގައިވެސް ބައިވެރި ނުކުރުވައި ސީދާ މެޗަށް މި ނެރެން ޖެހެނީ. ބޮޑަށް މާޒިޔާގެ ކުޅުންތެރިންނާއި ކީޕަރުވެސް އަނިޔާވުމުން އުނދަގޫތަކެއް އެބަހުރި،" ކުރިން ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށްވެސް ހުރި އަބޯ ބުންޏެވެ.

ކުއާޓާގައި މިރޭ އޭދަފުށިން ގަމާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗަށްވެސް އަބޯގެ އިތުބާރު އެބައޮތެވެ. އޭނާ ބުނީ "ތަށި ބޭނުން ނުވެއެއް ކޯޗު ނުނުކުންނާނަން،" ކަމަށާއި "ބޭނުންވަނީ ހަމަ ތަށި،" ކަމަށެވެ.

މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ގަމުން އޭދަފުށި ކައިރިން ބަލިވި އިރު، މިއަހަރު ޗެރިޓީ ޝީލްޑް މެޗުގައި ގަމުން އޭދަފުށި ބަލިކުރިއެވެ. މިދިޔަ އަހަރު ފައިނަލްގައި ވާދަކުރި ދެޓީމު މިރޭ ކުއާޓާ މެޗުގައި ނުކުންނާނީ 8:00 ގައެވެ.

މި އަހަރު ގޯލްޑަން ފުޓްސަލް މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.