ގދ. ވާދުއަށް މިފަހަރު އައި އެންމެ ބޮޑު ތަފާތަކީ ކޯޗު އަހުމަދު ވިޝާލް (އަންދު) ބެންޗުގައި ހުރުން ކަމަށާއި، އަދިވެސް ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށް ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ބުނެފިއެވެ.
ވާދޫން އަހަރަކަށްފަހު މިފަހަރު ޒޯންވެސް ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން މިރޭ ގަދަ 16 ގައި ނުކުންނާނީ ހއ. ދިއްދުއާ ދެކޮޅަށެވެ. އަޔާގެ ނަޒަރުގައި ވާދުއަށް އައި އެންމެ ބޮޑު ތަފާތަކީ އަންދު ކޯޗެވެ.
"އެންމެންނަށްވެސް ފެންނާނެ އަންދު ކޯޗު އެތަނުގައި މަޑުކޮށްލީމަ ޓީމަށް އައި ބަދަލު. އަންދު ކޯޗުގެ ތަފާތު ވަރަށް ބޮޑަށް ފެނިއްޖެ. ދެން އަޔާ އެހާ ބޭނުންވާ އެއްޗެއް ނޫން އަސްލު ޒޯން ތަށްޓަކީ. މިފަހަރު މި ޒޯން ތަށި ނަގައިދިނީ ސަޕޯޓަރުންނާއި އަންދު ކޯޗަށް. އަންދު ކޯޗު ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ ޒޯން ތަށި،" އަޔާ ބުންޏެވެ.
އަޔާގެ އިތުރުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ޝައުފް މުހައްމަދުވެސް ބުނީ ވާދޫން ވިސްނާނީ މެޗަކަށްފަހު މެޗަކަށް ކަމަށާއި، ގެއްލިފައި އޮތް ޒޯން ތަށި ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"ވަރަށް އުފާވެއްޖެ އަސްލު ގެއްލުނު އެއްޗެއް އަނބުރާ ލިބުނީމަ. ކުރިން ދެފަހަރު ނަގާފައި އޮތް އެއްޗެއް، މިދިޔަ އަހަރު ގެއްލުނީ. އެހެންވެ އެކަމަށް މަސައްކަތްކޮށް ކާމިޔާބުވީމަ ވަރަށް ހިތްހަމަ ޖެހޭ،" ޝައުފް ޒޯން ފައިނަލަށްފަހު ބުންޏެވެ.
ޝައުފް އިތުރަށް ބުނީ ވާދޫން މިފަހަރުގެ މުބާރާތަށް ނުކުތީ މެންޓާލިޓީއަށް ބޮޑު ބަދަލެއް ގެނެސްގެން ކަމަށާއި، 2023 ވަނަ އަހަރު ފައިނަލް ކުޅުމަށްފަހު މިދިޔަ އަހަރު ނަތީޖާ އެންމެ ރަނގަޅު ނޫން ނަމަވެސް، މިހާތަނަށް މިފަހަރުގެ ނަތީޖާތަކާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.
"މިދިޔަ ފަހަރުގެ މައިޑް ސެޓް ދޫކޮށްލާފައި، މެޗުން މެޗަށް ވިސްނައިގެން މި ނުކުތީ. ދެން އިތުރަށް ވިސްނާނީވެސް ގަދަ 16 ގެ މެޗަށްފަހު. އެހެންވީމަ އެއީ އެންމެ ބޮޑު ތަފާތަކީ،" ޝައުފް ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް