ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ދޭއްގެ ތަށި ރ. އިނގުރައިދޫން އުފުލާލައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ފައިނަލްތައް ރޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ނިމިގެން ގޮސްފައިވާ އިރު، ޒޯން ދޭއްގެ ފައިނަލުގައި އިނގުރައިދޫއާ ދެކޮޅަށް ނުކުތީ ވާދަވެރި ދުވާފަރެވެ. ރޭގެ ފައިނަލް މެޗަކީ މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިނގުރައިދޫއާއި ދުވާފަރުން ވާދަކުރި ހަތަރުވަނަ މެޗެވެ. ރޭގެ ކުރިން ކުޅުނު ތިން މެޗުންވެސް އިނގުރައިދޫ މޮޅުވެފައި އޮތް އިރު، އިނގުރައިދޫ ރޭ ހޯދި ހަތަރުވަނަ މޮޅާއެކު އެޓީމު ގަދަ 16 އަށް ނުކުންނާނީ ޗެމްޕިއަނެއްގެ ގޮތުގައެވެ.

ރޭގެ ފައިނަލް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗުން އިނގުރައިދޫ އެ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އިނގުރައިދޫން ދެ ގޯލު ޖަހައި ހަމަޖެހިލިއެވެ. އަހުމަދު އައިހަމް (އައިހު)އާއި އަހުމަދު މަޝީދު ޖެހި ގޯލުތަކުން އިނގުރައިދޫ ލީޑުގައި އޮތް ނަމަވެސް، ހާފު ނިމުމުގެ ކުރިން ދުވާފަރުން މެޗު އެއްވަރުކުރިއެވެ. އެ ދެ ގޯލުވެސް ޖެހީ ހަސަން އަޒޫމެވެ.

ދެވަނަ ހާފަށް ނުކުމެ ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދަނިކޮށް އިނގުރައިދޫއަށް އަލުން ލީޑު ނަގައިދިނީ މުހައްމަދު މަމްދޫހެވެ. އަދި އޭގެފަހުން އިނގުރައިދޫއަށް ތަށި ޔަގީންކޮށްދިނީ އެ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަލީ ހާފިޒު (ހާއްޕެ) އެވެ.

ގަދަ 16 ގެ މެޗުތައް ހޮނިހިރު ދުވަހުގެ ރޭ އޮންނަ އިރު، ރ. އިނގުރައިދޫ ނުކުންނާނީ ލ. ގަމާ ދެކޮޅަށެވެ. ދުވާފަރުން ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ.

މި ފަހަރުގެ ގޯލްޑެން ފުޓްސަލް މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.