ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ތަފާތު އެތައް މަންޒަރެއް ފެނިއްޖެއެވެ. ފަހު ސިކުންތުގެ ގޯލުތަކާއި ޖަޒުބާތީ އުފާފާޅުކުރުންތަކެވެ. ޒުވާން ކުޅުންތެރީންގެ ހުނަރާއި އެ ކުޅުންތެރިންގެ ހަޔާތުގެ އެތައް ވާހަކަތަކެއްވެސް އިވިއްޖެއެވެ. ތަފާތު އެ މަންޒަރުތަކަށް ރޭ އަނެއްކާވެސް "އާދަޔާހިލާފު" މަންޒަރެއް އިތުރު ވެއްޖެއެވެ. ޒޯން ތިނެއްގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުއްޓާއި ކ. ކާށިދޫ ބައްދަލުކުރި މެޗު، އޭދަފުށިން ކާމިޔާބުކުރީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި ހޯދި ކާމިޔާބީން އޭދަފުށި ފުރަތަމަ ފަހަރަށް ޒޯން ތަށްޓެއް އުފުލާލީ، ތަފާތު މަންޒަރަކާއެކުގައެވެ.

"އަޖުފާން އަންގި އަޅައިގެން ނުކުމެ، ދެއްކި ތަފާތުން އެންމެން ހައިރާންކޮށްލިއެވެ." އޭދަފުށީގެ މުހައްމަދު އަޖުފާނަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ގައުމީ ޓީމުގައިވެސް ހިމެނުނު ޑިފެންޑަރެކެވެ. އޭނާ ފުޓްސަލް ޓީމުގައި އާއްމުކޮށް އަދާކުރާ ރޯލަކީވެސް ޑިފެންޑަރެއް، ނޫނީ އައުޓްފީލްޑް ކުޅުންތެރިއެއްގެ ރޯލެވެ. އެހެން ނަމަވެސް، އޭދަފުއްޓަށް ދިމާވި ހާލަތުން ރޭ އޭނާ ނުކުންނަން ޖެހުނީ އަންގި ލައިގެން ގޯލު ބަލަހައްޓާށެވެ.

ފެށިގެން ދެ މިނެޓް ތެރޭގައި އޭދަފުށީގެ އެއްވަނަ ކީޕަރު އަބްދުﷲ ނާސިހު (ރާޖް) އަށް އަނިޔާވެ، އޭނާ ބާލަން ޖެހުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭދަފުއްޓަށް ބޮޑު ކަންބޮޑުވުމަކަށް ވާނެއެވެ. މުބާރާތް ފެށުމުގެ ކުރިން އޭދަފުށިން މިދިޔަ އަހަރު ބަދަލަކަށް ބޭނުންކުރި އަހުމަދު އަފްޒަލަށް އަނިޔާވެ، އޭނާއަށް މުބާރާތް ގެއްލުނެވެ. ދެން އަރަން ހުރި ކީޕަރަކީ އަހުމަދު އިރުފާނެވެ. އޭނާ ބަދަލަކަށް ނުކުމެ ކުޅެމުން ދަނިކޮށް، ދެވަނަ ހާފުގައި ރަތް ކާޑު ދެއްކިއެވެ.

ޒޯނަށް ކީޕަރު އަބްދުﷲ ޒިޔަޒަން ހިމަނައިގެން ޒޯނަށް ނުކުތް ނަމަވެސް، ކަންދިމާކުރި ގޮތުން، ދެ ކީޕަރުން ގެއްލިދާނެ ކަމަށް އޭދަފުށިން އޮތީ ނުވިސްނައެވެ. ޒިޔަޒަން ރޭ ބެންޗުގައިވެސް ނުހިމެނެއެވެ. އެ ހަލާތަށް ދިޔުމުން، ގޯލަށް އަރަން އަންގިއާއެކު ނުކުތީ އަޖުފާނެވެ. އަޖުފާން ނުކުމެ، 0-0 ގައި މެޗު ހިފަހައްޓާލައި، ޕެނަލްޓީއަށް ގޮސް، ތިން ޕެނަލްޓީ މަތަކުރިއެވެ. ހާސްކަމެއްވެސް ނެތިއެވެ. ހީވީ ހަމަ "އެކަން ކުރަން ފަރިތަ" ކީޕަރެއްހެންނެވެ.

"އެރިިއިރުވެސް ކޮންފިޑެންސް އޮތް. ނާސިހު އެހާ ބޮޑު އަނިޔާއެއްގައި ހުރުމުން ބޭނުންވީ އޭނާއަށްޓަކައި މީތި ނަގައިދޭން. ޒޯން ކާމިޔާބުކޮށްލަން. އެހެންވެ އެކަން ކޮށްދޭން ނުކުތީ،" އަޖުފާން ބުންޏެވެ.

އަޖުފާނަށް ޕެނަލްޓީގައި އިތުރު ޕްރެޝަރެއްވެސް އޮތެވެ. އޭދަފުށިން މިދިޔަ އަހަރު މުބާރާތް ނެގި ނަމަވެސް، އެޓީމަށް މިހާތަނަށް ޒޯން ތަށްޓެއް އޮތީ ނުލިބިއެވެ. މިދިޔަ އަހަރު ޒޯން ފައިނަލުގައި އެޓީމު ބަލިވީވެސް ޕެނަލްޓީގައެވެ. އެހެން ނަމަވެސް، އެ ޕްރެޝަރާވެސް އޭނާ ޑީލް ކުރީ ހަމަޖެހިލައިގެންނެވެ.

"ކޯޗު ކައިރީ މީތި މިނަގަނީއޭ ބުނެފަ ދިޔައީ، ވަރަށް ޔަގީންކަން އޮތް. ފެށުނީއްސުރެވެސް ދެން ޓާގެޓަކީ ރަނުން ރަނަށް އެކަން ކުރުން. އެކަން މި ކުރެވުނީ ޒޯނާ ހަމައަށް. މިއީ އަސްލު އޭދަފުށީގައި އޮންނަ އެއްޗެއް. ކޮންމެ ތަނަކަށް ކުޅެން ޖެހުނަސް ފިޓްވާނެ،" އަޖުފާން ބުންޏެވެ.

އަޖުފާންއަކީ ރޭގެ "ހީރޯ"އެވެ. މިހާތަނަށް މުބާރާތުން ނުފެންނަ ކަހަލަ ތަފާތު މަންޒަރަކާއެކު މުޅި ސޯޝަލް މީޑިއާގައިވެސް އޭނާއަށް އޮތީ ތައުރީފެވެ. ޔަގީނެވެ. ރޭ އޭދަފުށި ހެއްވާލީ އަޖުފާނެވެ. ތަފާތު އުފާވެރިކަމަކާއެކު ޓީމު އުފާފާޅުކުރީވެސް އެހެންވެއެވެ.