ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގެ ތަށި، ދ. ކުޑަހުވަދޫން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ފައިނަލުތައް މިރޭ ފަށާފައިވާ އިރު، ޒޯން ފަހެއްގެ ފައިނަލުގައި ވަރުގަދަ ކުޑަހުވަދޫން ނުކުތީ ފ. ދަރަނބޫދުއާ ދެކޮޅަށެވެ. ދަރަނބޫދުއަށް މިއީ ޒޯން ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.
އެޓީމުން މުޅިން އަލަށްވެސް ނުކުމެ، ތަފާތު ރޫހެއް ދެއްކި އިރު، ފަހު ވަގުތު ގޯލުތައް ޖަހައި ކުޑަހުވަދޫން މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މިއީ ކުޑަހުވަދޫން ޒޯން ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.
މެޗު ފަށައިގެން ދެވަނަ މިނެޓުގައި ދަރަނބޫދޫން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ކެޕްޓަން ސާޖިދު އަހުމަދު އިބްރާހީމް (ސާއްޓެ) އެވެ. އެ ގޯލަށްފަހު މާ ގިނައިރެއް ނުވަނީސް، ހާރޫން އިބްރާހީމް (ހާންޑޯ) ކުޑަހުވަދުއަށް އެއްވަރު ކޮށްދިނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ދަރަނބޫދުއަށް މެޗު އުނދަގޫވީ ކީޕަރު އަލީ ނަސީރަށް ދެއްކި ރަތް ކާޑުންނެވެ.
ނަސީރު ކުރިއަށް ޖެހި އުޅެނިކޮށް ބޯޅަ ގެއްލުމާއެކު، ކުޑަހުވަދޫ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ އޭރިއާ ބޭރުން އޭނާ މަތިކުރީ އަތުން ޖައްސައެވެ. އެއާއެކު އޭނާއަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކިއެވެ.
އެ ރަތް ކާޑަށް މާ ގިނައިރެއް ނުވެ، ހާންޑޯގެ އިތުރު ގޯލަކުން ކުޑަހުވަދޫ ލީޑު ނެގި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، މުޒްދާން ހަސަން ވަނީ އަނެއްކާވެސް މެޗު އެއްވަރުކޮށްފައެވެ. ކުޑަހުވަދޫ ފަހުވަގުތު ދެ ގޯލު ޖަހައި މޮޅުވި އިރު، އެ ދެ ގޯލުވެސް ޖެހީ މުހައްމަދު އަރީޝްއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މާދަމާ ރޭވެސް ޒޯން ފައިނަލުތައް އޮންނާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް