ޒޯން ފައިނަލުގައި މިރޭ ނުކުންނާނީ ލ. ގަމަށް ދޭން ޖެހޭ އިހުތިރާމްވެސް ދީގެން އެކަމަކު ބަދަލު ހިފަން ކަމަށް ތިމަރަފުށީގެ އިބްރާހީމް ސިނާހް (ސިނާ) ބުނެފިއެވެ.

ލ. ގަމާއި ތިމަރަފުށްޓަކީ މުބާރާތުގެ ތާރީހަށް ބަލާލިޔަސް، ކާމިޔާބު ދެޓީމެވެ. ގަމުން 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އިރު، އެޓީމުން ވަނީ 2018 ވަނަ އަހަރާއި މިދިޔަ އަހަރުވެސް މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ.

އަނެއްކޮޅުން ތިމަރަފުށި ނުކުތީ ހަތަރުވަނަ ތަށްޓަށެވެ. ތިމަރަފުށިން 2022 ވަނަ އަހަރާއި 2016 އަދި 2019 ވަނަ އަހަރު ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދި އިރު، ޒޯނަށް އެޓީމުން ނުކުތީ އަތޮޅު ތަށި ހަތްވަނަ ފަހަރަށް ހޯދައިގެންނެވެ.

ޒޯން ހައެއްގައިވެސް ގަމާއި ތިމަރަފުށި އަބަދުވެސް ވާދަވެރިކޮށް ފެނިގެންދާ އިރު، ތިމަރަފުށިން މިރޭ ގަމާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ބަދަލު ހިފާށެވެ. އެއީ ޒޯން ފެށުމަށް ގަން ކުޅުނު މެޗުގައި 1-0 އިން ތިމަރަފުށި ބަލިކޮށްފައި އޮތުމުންނެވެ.

"ފައިނަލަށް ދިޔުމަކީ ވަރަށް ބުރަ މަސައްކަތެއް. އެކަންވީމަ އަލްހަމްދުﷲ. އުނދަގޫ މެޗަކަށްފަހު ފައިނަލަށް މި ނުކުންނަނީ. އިރާދަކުރެއްވިއްޔާ ގަން މެޗުގައި ނުކުންނާނީ އިހުތިރާމް ދީގެން ބަދަލު ހިފަން. ގަމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޓަފް، އަދި އެންމެ ވަރުގަދަ ޓީމު ވިޔަސް، ބަދަލު ހިފަން ނުކުންނާނީ. އިރާދަކުރެއްވިއްޔާ ގަން ބަލިކޮށް، ތަށި ނަގަން ބޭނުންވަނީ،" ޒޯން ފައިނަލާ ގުޅޭ ގޮތުން ސިނާ ބުންޏެވެ.

ތިމަރަފުށިން އެންމެފަހުން ޒޯން ތަށި ހޯދީ 2022 ވަނަ އަހަރުއެވެ. ގަމުން މިދިޔަ އަހަރު ޒޯން ކާމިޔާބުކުރި އިރު، އެޓީމުން ނުކުންނާނީ އަނެއްކާވެސް ތިމަރަފުށި ބަލިކުރާށެވެ.

ގަމާއި ތިމަރަފުށި ބައްދަލުކުރާ ޒޯން ފައިނަލް އޮންނާނީ މިރޭ 8:00 ގައެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ މި އަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.