އިނގިރޭސި އެފްއޭ ކަޕް ހަތަރު ވަނަ ބުރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި، ދެވަނަ ޑިވިޝަން ތާވަލުގެ ފުލުގައި އޮތް ޕްލިމުތު އާގައިލް އެފްސީ ކައިރިން ބަލިވެ، އެޓީމު ކަޓައިފިއެވެ.

ރޭ ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ޕްލިމުތު އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ކުރިން ލިވަޕޫލުން ކުޅުނު ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ނެރުނު 10 ވަރަކަށް ކުޅުންތެރިން ރޭގެ މެޗުގައި ފަށާފައެއް ނުވެއެވެ. އެގޮތުން މުހައްމަދު ސަލާހާއި ގޯޑީ ގަކްޕޯގެ އިތުރުން ވާޖިލް ވެން ޑައިކް ފަދަ ކުޅުންތެރިންވެސް ޓީމުން ފެނިގެން ނުދެއެވެ.

ސްކޮޑަށް އެ ބަދަލު ގެނެސްފައި އޮތުމުގެ ފައިދާ ނަގަން ޕްލިމުތުން ކުރި މަސައްކަތް ކާމިޔާބުކުރީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. އެއީ ލިވަޕޫލް އޭރިއާ ތެރެއިން އެޓީމުގެ މިޑްފީލްޑަރު ހާވީ އެލިއޮޓް އަތުގައި ޖެހިގެން ދިން ޕެނަލްޓީއެއްގެ ސަބަބުންނެވެ. ޕްލިމުތަށް ލިބުނު ޕެނަލްޓީގައި އެޓީމަށް ގޯލު ޖަހައިދިނީ ރަޔަން ހާޑީއެވެ.

އޭގެ އިރުކޮޅެއްފަހުން ހާޑީ އިތުރު ގޯލަކާ ކައިރިއަށް ޖެހިލިއެވެ. އޭނާ ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ލިވަޕޫލް ކީޕަރު ކައޮއިމިން ކެލެހޭ އަތުގައި ޖެހި ދަނޑީގައިވެސް ޖެހިފައެވެ.

ފަހުކޮޅުގައި ލިވަޕޫލުން ޕްރެޝަރު ބޮޑުކުރި ނަމަވެސް، ޑިއޭގޯ ޖޮޓާއާއި ޑާވިން ނުނިއޭޒަށްވެސް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ އެސްޓަން ވިލާއިން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމްވެސް ބަލިކޮށްފައެވެ. އެއީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 57 ވަނަ ސިކުންތުގައި ވިލާއިން ލީޑު ނެގި އިރު، އެ ގޯލު ޖެހީ ޖޭކޮބް ރަމަސޭއެވެ. ރަމްސޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ޓޮޓެންހަމް ގޯލު ބެލެހެއްޓި އެންޓޮނިން ކިންސްކީ އަތުގައި ޖެހިފައެވެ.

ވިލާއިން މިދިޔަ 10 ވަރަކަށް އަހަރު ދުވަހުވެސް އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ގޮސްފައި ނުވާ އިރު، ރޭ އެކަން ޔަގީންކުރީ ދެވަނަ ހާފުގައި ޖެހި އިތުރު ގޯލަކާވެސް އެކުގައެވެ. 64 ވަނަ މިނެޓުގައި ވިލާގެ ދެވަނަ ގޯލު ޖެހީ މޯގަން ރޮޖާސްއެވެ.

ސްޕާސްއިން މެޗަށް އަނބުރާވަނުމަށް ކުރި މަސައްކަތުގައި އެޓީމަށް ގޯލް ޖެހީ ޖެނުއަރީގައި ބަޔާން މިއުނިކުން ގެންދިޔައި މަތިޔަސް ޓެލްއެވެ.