ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގެ ފައިނަލާއެކު ހއ. ދިއްދޫއާއި ހދ. ނައިވާދޫން ގަދަ 16 ޔަގީން ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފައިނަލް ޓީމުތައް ރޭ ޔަގީންވެފައިވާ އިރު، ދެން އޮތީ ފައިނަލްތަކެވެ.
ރޭ ޒޯން އެކެއްގެ ފަހު ދެމެޗަށް ޓީމުތަށް ނުކުތް އިރު، އެ ޒޯނުގައި ހިމެނޭ ހަތަރު ޓީމަށްވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ. ނައިވާދޫއަށް މޮޅަކާއެކު ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، ވަށަފަރަށް ބޭނުންވެފައި އޮތީ ޕޮއިންޓެކެވެ. އަދި ދިއްދޫއަށް މޮޅެއް މަޖުބޫރުވެފައި އޮތް އިރު، ނޭކުރެންދޫއަށް އޮތީ ވަށަފަރު މޮޅުވެ، އެޓީމުން ނައިވާދޫ ބަލިކުރަން ޖެހިފައެވެ.
އެ ހާލަތުގައި އޮވެ ޓީމުތައް ފަހު މެޗުތަކަށް ނުކުތް އިރު، ނައިވާދޫން ރޭ ނޭކުރެންދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް ފެނިގެން ދިޔަ މެޗުގައި ނައިވާދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ޝާއިންނެވެ. އެއީ ހިލޭ ޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
ދިއްދުއާއި ވަށަވަފަރު ވާދަކުރި މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ ދިއްދޫންނެވެ. އެއީ ހުސައިން ޝިފާހް ޖެހި ގޯލުންނެވެ. އޭގެ ފަސް މިނެޓު ފަހުން، އަބްދުﷲ ސިނާން ޖެހި ގޯލުން ވަށަފަރު އެއްވަރުކުރި އިރު، 13 ވަނަ މިނެޓުގައި އިބްރާހީމް އަތީގު އަތުން ބައިކޮޅަށް ވަން ގޯލުން ދިއްދޫ އަނެއްކާ ލީޑު ނެގިއެވެ.
ހާފު ނިމުމުގެ ކުރިން އިބްރާހީމް ސަނޫން ޖެހި ގޯލާއެކު ވަށަފަރު ދެވަނަ ފަހަރު އެއްވަރުކުރި ނަމަވެސް، 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ދިއްދޫ އަލުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ހައިސަމް ރަޝީދު (ހައި) އެވެ.
މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ވަށަފަރު ކީޕަރު މަހާސިން މުހައްމަދު ކުރިއަށް ޖެހި މަސައްކަތް ކުރުމުގެ ތެރޭގައި ކުރި ފައުލަކަށް އޭނާއަށް ސީދާ ރަތް ކާޑެއްވެސް ދައްކާފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، މިހާރު ވަނީ ގަދަ 16 ޓީމު ޔަގީންވެފައެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް