މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރާއި ޒޯން ބުރުވެސް ދ. ކުޑަހުވަދޫއަށް ދިޔައީ އުނދަގޫކޮށް ކަމަށާއި، މިހާރު ގަދަ 16 ޔަގީންވުމާއެކު ބޭނުންވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޒޯން ފަހެއްގެ ތަށި ނެގުން ކަމަށް ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) ބުނެފިއެވެ.
ކުޑަހުވަދޫން މިފަހަރު އަތޮޅު ޗެމްޕިއަންކަން ނެގީ ދ. މާއެނބޫދޫ ބަލިކޮށްގެންނެވެ. އެ ފައިނަލަށް ނުކުތް އިރު، އޭގެ ކުރިން ލީގު ބުރުގައި މާއެނބޫދުއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު އޮތީ ބަލިވެފައެވެ. މިފަހަރު ޒޯން ބުރުގައިވެސް މ. މުލަކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި އެއްވަރުވެ، ކުޑަހުވަދޫން އުނދަގޫކޮށް ޒޯން ފެށި ނަމަވެސް، ފަހުން ވަނީ ފޯމުގައި ދެ މޮޅު ހޯދައިފައެވެ.
ރޭ ކުޑަހުވަދޫން ދަރަނބޫދޫ ކައިރިން 6-2 އިން މޮޅުވި އިރު، އެޓީމުން ޒޯން ފައިނަލުގައިވެސް މިފަހަރު ނުކުންނާނީ ދަރަނބޫދުއާ ދެކޮޅަށެވެ.
"ގަދަ 16 ޔަގީންކޮށް ފައިނަލަށް ދެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެއީ ތަންކޮޅެއް އުނދަގޫކޮށް މިފަހަރު އަތޮޅު ބުރާއި ޒޯން ބުރުވެސް މިދިޔައީ. ދެން އަނެއްހެން ޓީމު ހުރިހާ ކުދިން ކުރި މަސައްކަތް މިއީ. ވަރަށް ހިތްހަމަ ޖެހިއްޖެ އަސްލު އަނެއް ބުރު ޔަގީން ކުރެވުނީތީ،" ޖުމްބެ ރޭގެ މެޗަށްފަހު ބުންޏެވެ.
ކުޑަހުވަދޫން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ޒޯން ކާމިޔާބުކުރި އިރު، މިދިޔަ އަހަރު ފައިނަލް ބުރުގައި ކުއާޓާ ފައިނަލް ކުޅެ، ކެޓީ ގާފަރު ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ކުރިން 2023 ވަނަ އަހަރު އެޓީމުން މުބާރާތުގެ ސެމީ ފައިނަލްވެސް ކުޅުނެވެ.
"ބޭނުންވަނީ ޒޯން ތަށި، އެއީ މިދިޔަ ދެ އަހަރުވެސް ކުޑަހުވަދޫން ޒޯން ތަށި ނަގާފަވާތީ، ތިންވަނަ ފަހަރަށް އެ ކާމިޔާބީ ހޯދަން ބޭނުންވަނީ. ދެން މިރޭގެ މެޗުގައި ދަރަނބޫދޫއަށް އުނދަގޫކޮށް ދިޔަސް، އެޓީމުން ފައިނަލަށް އަންނާނީ މިސްޓޭކްތައް ރަނގަޅުކޮށްގެން. އެހެންވީމަ މެޗު ފަސޭހައެއް ނުކުރާނަން. ހުރި ފެންވަރެއް ދައްކާ، މެޗުން މޮޅުވާން ނުކުންނާނީ،" ޖުމްބެ ރޭ ފާހަގަކުރިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް