މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 އަށް ނުކުތްއިރުވެސް ޒޯން ތަށްޓަށް ޓާގެޓް ކުރި ކަމަށާއި، ފައިނަލުގައި ގދ. ވާދޫ ބަލިކޮށް އެކަން ކުރެވޭނެ ފެންވަރު ޓީމުގައި އެބަހުރި ކަމަށް މޫސާ އަޒީމް ހަސަން ބުނެފިއެވެ.

ދަޑިމަގުން ޒޯން ހަތެއްގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރު ދަތުރުކުރީ 1-0 ގެ ނަތީޖާއަކުން ސ. ފޭދޫ ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީވެސް އަޒީމެވެ.

ދަޑިމަގުން މިފަހަރު ފައިނަލުގައި ނުކުންނާނީ ވާދުއާ ދެކޮޅަށެވެ. 2023 ވަނަ އަހަރު އެޓީމުން ޒޯން ތަށި ނެގި އިރު، މިދިޔަ އަހަރު ޒޯން ފައިނަލުގައި ވަނީ ބަލިވެފައެވެ.

"އަސްލު ހަމަ ވަރަށް ވަރަށް މަސައްކަތް ކޮށްގެން މިހާ ހިސާބަށް މި އާދެވުނީ. މިދިޔަ ފަހަރު އަހަރުންނަށް އެހާ ރަނގަޅަށް ފަރިތަކުރުންތައް ނުކުރެވި، މުބާރާތަށް ނުކުތީމަ ފައިނަލުގަ އުނދަގޫ ނަތީޖާއެއް ނުކުތީ. އެކަމަކު މިފަހަރު ކުރިޔާލާ ތައްޔާރުވެގެން ނުކުތީ، ސީދާ ޒޯން ތަށި ނަގަންވެގެން،" އިއްޔެގެ ސެމީ މެޗަށްފަހު އަޒީމް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

މިފަހަރުވެސް ދަޑިމަގުން ފެށީ ޒޯން ބުރުންނެވެ. އެއީ ޏ. އަތޮޅުން އިތުރު ޓީމެއް ބައިވެރިވެފައިނުވާތީއެވެ. އަޒީމް ބުނީ އެ ޗެލެންޖުން އަރައިގަތީ، ވަރަށް ބޮޑަށް މެންޓަލީ ރަނގަޅުކޮށްގެން ކަމަށާއި، ފައިނަލަށް ގޮސް، ތަށި ނެގޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"އަސްލު އަތޮޅު ބުރު ނުކުޅެ، ނުކުންނަން ޖެހުމަކީ ޗެލެންޖެއް. އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ޓީމުން ނުކުތީ. ކޮންމެ ގޮތެއް ވިޔަސް، ވާދޫ މި އަންނަނީ އަބަދުވެސް އެންމެ އުނދަގޫކޮށް، ދެން މިފަހަރު ހަމަ ވާދޫއާ ވާދަކުރި މެޗާއެކު، އެހިސާބުން ހަމަ މެޗަކަށްފަހު މެޗެއް ރަނގަޅުކުރަމުން މި މަސައްކަތް ކުރަނީ. މިހާރު މިއޮތް ލެވެލްގަ ތަށި ނެގޭނެ. އެ ފެންވަރުގެ ކުޅުންތެރިން އެބަތިބި އަހަރެމެން ޓީމުގައި،" އަޒީމް ބުންޏެވެ.