ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އަށެއްގެ ފައިނަލާއެކު ވިލިމާލެއާއި މައްޗަންގޯޅިން ގަދަ 16 ޔަގީން ކޮށްފިއެވެ.

ރޭ ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދިޔަ ޒޯން އަށެއްގެ ފަހު ދެމެޗަށް ޓީމުތަށް ނުކުތް އިރު، ކޮންމެ ޓީމަކަށްވެސް ގަދަ 16 ގެ ފުރުސަތު އޮތެވެ. އެގޮތުން ވިލިމާލެއަށް ގަދަ 16 ފުރުސަތު ފަހިކޮށް އޮތް އިރު، ދެން މައްޗަންގޯޅި އާއި އެންމެފަހުގެ ޗެމްޕިއަން މާފަންނު އޮތީ ދާދި އެއް ހަމައެއްގައެވެ. މިފަހަރު އެ ޒޯނުގެ ފުލަށް ދިޔަ ހުޅުމާލެއަށް، ރޭ މައްޗަންގޯޅިއާ ދެކޮޅަށް ނުކުތް އިރުވެސް، މާ ބޮޑު އުންމީދެއް ނެތެވެ.

ވިލިމާލެއިން ޒޯން ފައިނަލާއެކު ގަދަ 16 ޔަގީންކުރީ 4-0 އިން މާފަންނު ބަލިކޮށްގެންނެވެ. ވިލިމާލެއިން މިދިޔަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައިވާ އިރު، މިފަހަރު ޒޯން ފައިނަލަށް ދިޔައީވެސް ކުޅުނު ތިން މެޗުން މޮޅުވެގެންނެވެ.

ރޭގެ މެޗުގައި ގޯލުތައް ޖެހީ މުހައްމަދު އައިމަން އަލީއާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)ގެ އިތުރުން އަބްދުﷲ މުއާޒް (އޮޮޓޯ) އަދި އަބްދުﷲ ޝައްފާން (ޝާކާ)އެވެ.

އެ ޒޯނުގައި ރޭ މައްޗަންގޯޅިން ހުޅުމާލެ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މައްޗަންގޯޅީގެ ތިން ގޯލު ޖަހައި، މުހައްމަދު ނަޒާމް ހެޓްރިކް ހެދި އިރު، ހުޅުމާލޭގެ ގޯލު، ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ މުހައްމަދު ފާލިލް ފާއިގެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)

ގްރައުންޑް 2: އދ. މަންދޫ - އއ. ތޮއްޑޫ (ޒޯން 4)

21:00

ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (ޒޯން 1)

ގްރައުންޑް 2: ހއ. ދިއްދޫ - ހއ. ވަށަފަރު (ޒޯން 1)

22:00

ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ (ޒޯން 2)

ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުވާފަރު (ޒޯން 2)