ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން އެކެއްގެ ދެވަނަ މެޗުތަކުގައި ހދ. ނައިވާދޫން ހއ. ދިއްދޫ ބަލިކުރި އިރު، ހދ. ނޭކުރެންދުއާއި ހއ. ވަށަފަރު އެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން އެކެއްގައި ވާދަކުރަނީ ހއ. އަތޮޅުގެ ޗެޕިއަން ވަށަފަރާއި ރަނަރަޕް ދިއްދޫގެ އިތުރުން ހދ. އަތޮޅުގެ ޗެމްޕިއަން ނައިވާދޫ އަދި ރަނަރަޕް ނޭކުރެންދުއެވެ.

އެ ޒޯނު ފެށުމަށް ކުޅުނު މެޗުތަކަށް ބަލާ އިރު، ވަށަފަރުން ފެށީ ނައިވާދޫ ބަލިކޮށްގެންނެވެ. ދިއްދޫން ވަނީ ފުރަތަމަ މެޗުގައި ނޭކުރެންދޫ ކައިރިން ބޮޑު މޮޅެއް ހޯދައިފައެވެ.

ވަށަފަރުން ދެވަނަ މޮޅަކާއެކު ގަދަ 16 އަށް އުންމީދު ބޮޑުކޮށް ރޭ ނުކުތް އިރު، ނޭކުރެންދޫއަށް އޮތީ އެންމެ ދަށްވެގެންވެސް ޕޮއިންޓެއް ހޯދުމެވެ. އަދި ނައިވާދޫވެސް ދިއްދޫއާ ދެކޮޅަށް ނުކުތީ މަޖުބޫރު މެޗަކަށެވެ.

ރޭ ނައިވާދޫން ގަދަ 16 ގެ އުންމީދު އާކުރީ ދިއްދޫއާ ދެކޮޅަށް ކުޅެ، 6-1 އިން މޮޅުވެގެންނެވެ. އެ މެޗުގައި ނައިވާދޫގެ ޝާއްޕެއާއި އަހުމަދު ހަމީދު، ޔާމިން މުހައްމަދު އަދި މުހައްމަދު އަސްލަމްގެ އިތުރުން މުހައްމަަދު ޝާއިން ގޯލު ޖެހި އިރު، ދިއްދޫގެ އަހްޒަމް ރަޝީދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ދިއްދޫގެ ގޯލު ޖެހީ ހުސައިން ޝިފާހެވެ.

ނޭކުރެންދޫއާއި ވަށަފަރު ވާދަކުރި މެޗު 1-1 އިން އެއްވަރުވި އިރު، ދެވަނަ ހާފުގައި ވަށަފަރަށް ލީޑު ނަގައިދިނީ އަބްދުﷲ ސިނާނެވެ. އޭގެ އިރުކޮޅެއްފަހުން ނޭކުރެންދޫއަށް އެއްވަރުކޮށްދިނީ މުހައްމަދު ފަރްހާން (ފަރުއްކޮ) އެވެ.

ވަށަފަރަށް ދެމެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެން އެޓީމަށް ބާކީ އޮތީ ދިއްދޫ މެޗެވެ. ދިއްދޫއަށް ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ފަރަގުންނެވެ. ދެވަނައިގައި ނައިވާދޫ އޮތީވެސް ދެމެޗުން ތިން ޕޮއިންޓާއެކުގައެވެ. ނައިވާދޫއަށް ދެން އޮތީ ނޭކުރެންދޫ މެޗެވެ. ނޭކުރެންދޫއަށް ދެމެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، އެޓީމަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ.

ނައިވާދޫއަށް ފަހު މެޗުން މޮޅަކާއެކު ގަދަ 16 ޔަގީން ކުރެވެން އޮތް އިރު، ދިއްދޫއާއި ވަށަފަރު މެޗުގައި ވަށަފަރަށް ޕޮއިންޓަކުންވެސް ފުއްދައިލެވިދާނެއެވެ. ނޭކުރެންދޫއަށް ފައިނަލަށް ދެވެން އޮތީ ނައިވާދޫ ބޮޑުކޮށް ބަލިކޮށް، ވަށަފާރި ދިއްދޫ މެޗުގެ ނަތީޖާއަށްވެސް ބަރޯސާ ވެގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.

16:00

ގްރައުން 1: ޏ. ދަނޑިމަގު - ސ. ފޭދޫ (ޒޯން 7/ ސެމީ ފައިނަލް)

ގްރައުންޑް 2: ސ. ހިތަދޫ - ގދ. ވާދޫ (ޒޯން 7/ ސެމީ ފައިނަލް)

20:00

ގްރައުންޑް 1: ބ. އޭދަފުށި - ކ. ކާށިދޫ (ޒޯން 3)

ގްރައުންޑް 2: ޅ. ކުރެންދޫ - ކ. މާފުށި (ޒޯން 3)

21:00

ގްރައުންޑް 1: ވިލިމާލެ - މާފަންނު (ޒޯން 8)

ގްރައުންޑް 2: ހުޅުމާލެ - މައްޗަންގޯޅި (ޒޯން 8)

22:00

ގްރައުންޑް 1: މ. މުލަށް - މ. ދިއްގަރު (ޒޯން 5)

ގްރައުންޑް 2: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ (ޒޯން 5)

23:00

ގްރައުންޑް 1: ލ. އިސްދޫ - ތ. ތިމަރަފުށި (ޒޯން 6)

ގްރައުންޑް 2: ތ. ހިރިލަންދޫ - ލ. ގަން (ޒޯން 6)