އިނގިރޭސި ލީގު ކަޕް ފައިނަލުގެ ދެވަނަ ޖާގަ، ލިވަޕޫލުން ހޯދައިފިއެވެ.

އެންމެފަހުގެ ލީގު ކަޕް ޗެމްޕިއަން ލިވަޕޫލުން ރޭ ދެވަނަ ލެގުގައި ޓޮޓެންހަމް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް 1-0 އިން ބަލިވެފައި އޮތް ނަމަވެސް، ރޭގެ ނަތީޖާއާއެކު އެޓީމުން ދެ ލެގު ކާމިޔާބުކުރީ އެގްރިގޭޓް 4-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ރޭގެ މެޗު ފެށީވެސް ތަފާތު ފޯމެއްގައެވެ. ފުރަތަމަ ކޮޅުން ފެށިގެންވެސް އެޓީމުން ހަމަލާއަކަށްފަހު ހަމަލާއަކަށް މަސައްކަތް ކުރަމުން ގޮސް، 34 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މެދުތެރެއިން ޓޮޓެންހަމްގެ ޔެވެސް ބިސޫމާ އަތުން ގެއްލުނު ބޯޅައެއްގައި މުހައްމަދު ސަލާހް ކުރިއަށް ކުޅުނު ބޯޅައިގައި ޑާވިން ނުނިއޭޒް ފޮނުވާލި ހަމަލާ، އޭނާ އަތުން ބޭކާރުވި ނަމަވެސް ރިބައުންސްގައި ކޯޑީ ގަކްޕޯ ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ގޯލަކަށް ކުރި މަސައްކަތުގައި މާ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ނުވާ އިރު، 17 އަހަރަށްފަހު ތަށްޓަކަށް އެޓީމުން ކުރަމުން އައި އުންމީދު ފަނޑުވީ ދެވަނަ ހާފުގެ ކުރީކޮޅުގައި ސަލާހްގެ ޕެނަލްޓީން ލިވަޕޫލް ނަތީޖާ ފުޅާކުރުމުންނެވެ.

އެހިސާބުން ޓޮޓެންހަމްގެ ހިތްވަރު އެލި، މާޔޫސްކަން ފެނިގެން ގޮސްފައިވާ އިރު، ޑޮމިނިކް ސޮބޮސްލާއީއާއި ވާޖިލް ވެން ޑައިކް ޖެހި އިތުރު ގޯލުތަކުން ލިވަޕޫލް ފައިނަލް ޔަގީންކުރިއެވެ.

ލިވަޕޫލުން ލީގު ކަޕްގެ ފައިނަލުގައި ނުކުންނާނީ އާސެނަލް ކަޓުވާލާފައި ފައިނަލަށް ދިޔަ ނިއުކާސަލްއާ ދެކޮޅަށެވެ. އެއީ މާޗު މަހުގެ 16 ވަނަ ދުވަހު ވެމްބްލީގައެވެ.