ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން އަށެއްގައި ރޭ ކުޅުނު މެޗުތައް ވިލިމާލެއާއި މާފަންނުން ކާމިޔާބު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މާލޭ ޓީމުތައް ހިމެނޭ ޒޯން އަށެއްގައި ވާދަކުރަނީ ހުޅުމާލެ، ވިލިމާލޭގެ އިތުރުން މާފަންނާއި މައްޗަންގޯޅިއެވެ.
ފުރަތަމަ މެޗުތައް ކާމިޔާބުކުރި މައްޗަންގޯޅިއާއި ވިލިމާލެ ރޭ ވާދަކުރި މެޗު، ވިލިމާލެއިން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ވިލިމާލޭގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހެޓްރިކް ހެދި އިރު، އިސްމާއިލް ވިފާގު (އިއްސެ) ދެ ގޯލު ޖެހިއެވެ. އަނެއް ގޯލުތައް ޖެހީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އަބްދުﷲ މުއާޒެވެ.
މައްޗަންގޯޅީގެ ހަމައެކަނި ގޯލު ޖެހީ އެޓީމުގެ ކެޕްޓަން ރިލުވާން ވަހީދު (ރިލޭ) އެވެ.
އެ ޒޯނުގެ އެންމެފަހުގެ ޗެމްޕިއަން މާފަންނުން ފުރަތަމަ މޮޅެއް ހޯދީ ހުޅުމާލެ ކައިރިން 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގައި މާފަންނުގެ މުހައްމަދު ހަމްދޫން ދެ ހެޓްރިކް ހެދި އިރު، ހުޅުމާލޭގެ ގޯލަކީ މާފަންނުގެ ޔޫހު ނަސީރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މާލޭ ޒޯނުގައި މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ، ފައިދާ ގޯލުގެ ބޮޑު ތަފާތަކާއެކު ވިލިމާލެ އެއްވަނައިގައި އޮތް އިރު، މައްޗަންގޯޅިއާއި މާފަންނަށް ވަނީ ދެމެޗުން ތިން ޕޮއިންޓް ލިބިފައެވެ. ދެން މާފަންނަށް އޮންނާނީ ވިލިމާލެއާ ދެކޮޅަށް ކުޅޭ މެޗެވެ. މައްޗަންގޯޅިއަށް އޮންނާނީ ހުޅުމާލެއާ ދެކޮޅަށް ކުޅޭ މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް