ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ފަހެއްގައި ފ. ދަރަނބޫދޫން ފައިނަލާ ގާތަށް ދަނިކޮށް މ. މުލަކުން އެއްވަރުކުރި އިރު، މ. ދިއްގަރު ބަލިކޮށް، ދ. ކުޑަހުވަދޫން އުންމީދު އާކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ކުޅުން ފޯރިއާއެކު ކުރިއަށްދާ އިރު، ރޭ ދަރަނބޫދޫން މުލަކާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މުލަކުން އެއްވަރުކުރީ ފަހު ވަގުތުއެވެ.
ދަރަނބޫދޫން މޮޅަކާއެކު ގަދަ 16 އާއި ޒޯން ފައިނަލް ޔަގީންކުރަން ދަނިކޮށް މުލަކުން އެއްވަރުކުރުމުން، އެ ޒޯނުގެ ފައިނަލަށް ދާ ޓީމުތައް އެނގޭނީ ފަހު މެޗުގައެވެ. ދަރަނބޫދޫން ދެން ކުޅެން ޖެހޭނީ ކުޑަހުވަދުއާ އެވެ. ދިއްގަރު ކަޓާފައި އޮވެގެން ދެން ނުކުންނާނީ މުލަކާ ދެކޮޅަށެވެ.
މިހާތަނަށް ކުޅުނު ދެމެޗުން ދަރަނބޫދޫ ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، މުލަކަށް ދެމެޗުން ވަނީ ދެ ޕޮއިންޓް ލިބިފައެވެ. މިރޭ 2-1 އިން ދިއްގަރު ބަލިކުރުމުން ކުޑަހުވަދުއަށްވެސް ދެމެޗުން ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ދިއްގަރަށް ދެމެޗުން ޕޮއިންޓެއް ނުލިބެއެވެ.
ދަރަނބޫދުއަށް މެޗުގައި ގޯލުތައް ޖަހައިދިނީ މުއައްލިމް އުމަރާއި އާލިފް އަލީއެވެ. މުލަކުގެ ފުރަތަމަ ގޯލު އާދަމް ޝަހީމް (އާނާ) ޖެހި އިރު، އެޓީމުގެ ފަހު ގޯލަކީ ފަހު މިނެޓުގައި މުލަކު ކީޕަރު މިފްދާދު އަހުމަދު އެއްލި ބޯޅައެއް، ދަރަނބޫދޫ ކީޕަރު އަލީ ނަސީރު އަތުގައި ޖެހިފައި ގޯލަށް ވަން ގޯލެކެވެ.
ކުޑަހުވަދުއަށް ރޭ ގޯލުތައް ޖަހައިދިނީ މުހައްމަދު އަޔާޒާއި ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. ދިއްގަރުގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ފާރިޝްއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މި ފަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސް އެވެ.
20:00
ގްރައުންޑް 1: ށ. ދުވާފަރު - ށ. މިލަންދޫ (ޒޯން 2)
ގްރައުންޑް 2: ނ. މިލަދޫ - ރ. އިނގުރައިދޫ (ޒޯން 2)
21:00
ގްރައުންޑް 1: އއ. ތޮއްޑޫ - ވ. ކެޔޮދޫ (ޒޯން 4)
ގްރައުންޑް 2: އއ. މަހިބަދޫ - އއ. މަންދޫ (ޒޯން 4)
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހއ. ވަށަފަރު (ޒޯން 1)
ގްރައުންޑް 2: ހއ. ނައިވާދޫ - ހއ. ދިއްދޫ (ޒޯން 1)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް