ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ މެންބަރުން ކުރި މުޖުރިމް އަމަލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ގާސިމު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާނޫނުއަސާސީއަށް އެ ގެނައި އިސްލާހުގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތުމުން އެކަމާގުޅޭ ގޮތުން ވާހަކަދެކެވެން ނެތް ކަމަށާއި އެ ވާހަކަ މަޖިލިސް ތެރޭގައި ދެއްކުމުގެ އިހުތިޔާރުވެސް ނެތް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއް ހަދައިގެން މެންބަރުން އަމިއްލައަށް އިސްތިއުފާ ހުށަހަޅުވަން މަޖުބޫރުވާ ގޮތަށް ގާނޫނެއް ފާސްކުރި ކަމަށް ގާސިމް ވިދާޅުވިއެވެ.

"މިފަހަރު މި ސަރުކާރު މުއިއްޒު ކުރި ގޮތަކީ އެ ބޭފުޅާ އަދި ވެރިކަމަށް އައިސްގެން ތިން މަސް ދުވަސް ނުވަނީސް ބޭރުކޮށްލާނެމޭ، ނޯ ކޮންފިޑެންސް ވޯޓު ނަގާނެމޭ ކިޔައިގެން ހަޅޭފަޅޭކުގެ އަޑުގަދަވެގެން ދިޔަކަން އަޅުގަނޑުމެންނަށް އެނގޭ. ކޮންމެ ބައެއްވެސް އެބައެއްގެ ސަލާމަތަށް އެޅެން އޮތް ފިޔަވަޅެއް އަޅާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެހެންމާ އެގޮތަށް އެ މަނިކުފާނު ގާނޫނުއަސާސީ މިހާރު އައިސް އޮތް ބަދަލު ގެންނެވީ ކަމަށް،" ގާސިމް ވިދާޅުވިއެވެ.

"އެއީކީ މީހަކު ކުރި މުޖުރިމު އަމަލެއް ނޫން އިނގޭތޯ ގާނޫނުއަސާސީ ބުނާ ގޮތުން. ވެރިއަކު ކުރި މުޖުރިމު އަމަލެއް ނޫނޭ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރި އެ މެންބަރުންވެސް ކުރި މުޖުރިމް އަމަލެއް ނޫން އެއީކީ"

ގާސިމް ވިދާޅުވީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމުގެ ކުރިން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން އެހެން ޕާޓީއަކަށް ބަދަލުކުރުވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި 16 މެންބަރަކު ޕީޕީއެމަށްވެސް ގެންދިޔަ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް މިހާރުވެސް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ކުރީގެ ޕާލިމެންޓްރީ ގްރޫޕު މެންބަރަކަށްވިޔަސް އެއީ އޭނާއާއި މަޝްވަރާ ކޮށްގެން ކުރިކަމެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގައެވެ. އެ ބިލާމެދު ބަހުސްކޮށް، ހަމަ އެ ދުވަހު ބިލު ވަނީ ފާސްކޮށްފައެވެ. އެރޭގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުވެސް ކުރައްވައިފައެވެ.

އެ އިސްލާހުގައި ވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެ އިސްލާހު ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާއިރު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހު 17 ގައި ބާއްވާނެއެވެ.