މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުން ކެޓުމާއެކު ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަށާއި އެ ފިލާވަޅުތަކުން ދަސްވި އެއްޗެހީގެ ބޭނުން ހިފައިގެން މިފަހަރު ނުކުތީ އާ ހިތްވަރަކާއެކުގައި ކަމަށް ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) ބުނެފިއެވެ.
ވާދޫން މި އަހަރު މުބާރާތުގެ އަތޮޅު ތަށި ނެގުމަށްފަހު ޒޯނަށް ނުކުމެ، އެ ޒޯނުގެ ސެމީ ފައިނަލްގެ ޖާގައެއްވެސް ވަނީ ޔަގީންކޮށްފައެވެ. ވަރުގަދައަށް މުބާރާތަށް ނުކުތް ގއ. ދެއްވަދޫ ކައިރިން ރޭ 1-1 އިން އެއްވަރުކޮށް، ދެއްވަދޫ ކަޓުވާލައި ވާދޫ ސެމީއަށް ދިޔައީ ޕްރެޝަރު މެޗެއްގައެވެ.
"މިއީ އަސްލު ހުރިހާ ކުޅުންތެރިންގެ މަސައްކަތް. މިދިޔަ އަހަރު އަހަރެމެން ޒޯނުގެ ގްރޫޕުން ބަލިވެ ކަޓައިގެން ދާން ޖެހުނީ. އެހެންވީމަ ވަރަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މި ނުކުތީ، އެކަން ތަކުރާރުވިޔަ ނުދޭން. އެނގޭ ޒޯނުގައި މި އޮތް ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއްކަން. ކޮންމެ ޓީމަކާވެސް އެބަޖެހޭ ވަރުގަދަޔަށް ފައިޓްކުރަން. ހާޑް މެޗު މުޅިންވެސް މި ކުޅެނީ. އަތޮޅު މެޗުތައްވެސް އުނދަގޫ، އެހެން އައިސް ޒޯނުގައި މިހާ ޓަފް މެޗެއް ނެގުނީތީ އަލްހަމްދުﷲ،" އަސޫ ރޭގެ މެޗަށްފަހު "ވަން ސްޕޯޓްސް" އަށް ބުންޏެވެ.
އަސޫ ބުނީ ވާދޫއަކީ އެއްވެސް އިރެއްގައި މާދުރަށް ވިސްނާނެ ޓީމެއް ނޫން ކަމަށާއި ޒޯން ތައްޓަށްވެސް ވިސްނަން ބޭނުންނުވާ ކަމަށެވެ. މި ވަގުތަށް ފޯކަސް ހުރީ ސެމީގައި ޖެހޭ ޓީމެއް ބަލިކުރަން ކަމަށްވެސް އަސޫ ބުންޏެވެ.
"ދެން ތައްޔާރުވާނީ ސެމީގައި އައްޑޫގެ ޓީމުތައް ބަލިކުރަން. އައްޑޫ ހިތަދޫއަކީ މިދިޔަ އަހަރުވެސް މުޅި މުބާރާތުގައި އެންމެ ރަނގަޅަށް ކިޔާނެ ޓީމު. ފޭދޫވެސް ވަރުގަދަ، އޭގެން ކޮންމެވެސް ޓީމަކާ ސެމީ މި ޖެހެނީ. އެހެންވީމަ މެޗަކަށްފަހު މެޗެއް ވިސްނާނީ. ސެމީ މެޗަށްފަހު ދެން ފައިނަލަށް ވިސްނާނީ. ތައްޓަށްވެސް،" އަސޫ ބުންޏެވެ.
ރޭ އެ ޒޯނުގެ ގްރޫޕް ބީގެ ކުޅުންވެސް ނިމިފައިވުމާއެކު، ސެމީގައި ވާދޫ ޖެހޭނީ އައްޑޫ ހިތަދުއާ ދެކޮޅަށެވެ. ވާދުއަށް ގްރޫޕް އޭގެ ދެވަނަ ލިބުނު އިރު، ހިތަދޫން ވަނީ ފޭދޫ ބަލިކޮށް، އެއްވަނަ ހޯދައިފައެވެ.
ވާދޫން މިހާތަނަށް ކުޅުނު މެޗުތަކުގައި މުހިއްމު ރޯލެއް އަދާކުރި އަސޫ ބުނީ، 2023 ގެ ފައިނަލަށް އެޓީމު ދަތުރުކުރީވެސް މެޗަކަށްފަހު މެޗަކަށް ވިސްނައިގެން ކަމަށާއި، މިދިޔަ އަހަރު ވީ ގޮތުންވެސް، މިއަހަރު މާ ބޮޑަށް ދުރަށް ވިސްނައިގެން މަސައްކަތް ނުކުރާނެ ކަމަށެވެ.
"މީގެ ކުރިން 2023 އަހަރު ފައިނަލް ކުޅެފައި، މިދިޔަ އަހަރު އެންމެ ރަނގަޅަކަށް ތައްޔާރެއް ނުވެވުނު އަސްލު. 2023 ވަނަ އަހަރުވެސް އަހަރުމެން ތައްޔާރުވީ މެޗަކަށްފަހު މެޗެއް ނަގަން. އެގޮތަށް ފައިނަލަށް ދެވުނީ. މިދިޔަ އަހަރު ޓީމުން ބައިވަރު ކަންތައްތަކެއް ދަސްކޮށްފި، ވަރަށް ރަނގަޅު ފިލާވަޅުތަކެއް ހޯދައިގެން ނުކުމެ، މިދޔަ އަހަރަށްވުރެ ބޮޑުތަން ރަނގަޅުކޮށްގެން ޓީމު ކުރިއަށްދާނީ،" އަސޫ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް