ވަކިވަކި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި އެ މައްސަލަތަކަށް ހާއްސަ ކޯޓުތަކެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ޖިނާއީ އަދުލިގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ ހުކުމަކާ ހަމައަށް ވާސިލު ނުވެ ދިގުލައިގެން ދިއުން ކަމަށެވެ. ރައީސް ވިދާޅުވީ ޝަރީއަތް ލަސްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޯޓުތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"މިގޮތުން ސުޕީރިއާ ކޯޓު ކޮމްޕްލެކްސް މިއަހަރު ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާނަން. މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓް އަދި ޑްރަގް ކޯޓް ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ދެކެން" ރައީސް ވިދާޅުވިއެވެ.

"އޭގެ އިތުރަށްވެސް، ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވެސް ރަނގަޅު އިސްލާހުތައް ގެނެވިގެންދާނެ. ހަމަ އެއާއެކީގައި، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް އިރާދަކުރެއްވިއްޔާ ގާނޫނީ ނިޒާމު ތެރެއިން ތައާރަފު ކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށައި ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފުގެ އެއްބަސްވުމުގެ އެހީގައި ކަމަށާއި އޭގެ ސަބަބުން ކޯޓުތަކުގެ ބުރަ ލުއިވެ، މައްސަލަތައް ފުނިޖެހުން ކުޑަކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވިސްނުންފުޅަކީ ވެސް ރާއްޖޭގައި އެފަދަ ނިޒާމެއް ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިގޮތުން ތަހުގީގުގައި ކުށަށް އިއުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އަދި އެ މީހުންނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމަކީ ގާނޫނުގައި ވަކި މިންވަރަކަށްވުރެ ލުއި އަދަބެއް ކަނޑައެޅިފައިވާ ކުށް ކުރާ މީހުންނާއި، އަލަށް ކުދި ކުށް ކުރާ މީހުން ކުށަށް އިއުތިރާފުވާ ނަމަ ކުށުގެ ވެށިން ދުރުހެލިކޮށް މުޖުތަމައަށް އެނބުރި ރުޖޫއަވުމަށް ދެވޭ މުހިއްމު ފުރުސަތެއް ކަމަށެވެ.

ނަސޭހަތުގެ އެއްބަސްވުމުގެ ދަށުން އެމީހަކު ކުރާ ކުށަކާ ގުޅިގެން އެމީހެއްގެ މައްޗަށް ދައުވާކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ ވަކި މުއްދަތަކަށް އިތުރު ކުށެއް ނުކޮށް ދެމިހުރެއްޖެ ނަމަ، އޭނާ ކުރި ކުށާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އެއްބަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާނަމަ، ކޯޓުތަކަށް ހުށަހެޅިގެންދާ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަސީލަތްތައް ބޮޑެތި، ހާއްސާސީ ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް ފުރިބާރުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކުށުގެ ކުޑަބޮޑުމިނަށް ބަލައި ނަސޭހަތުގެ އެއްބަސްވުން ހެދެން ނެތް ހާލަތްތަކުގައި އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ އުސޫލު ވެސް ބޭނުންކުރާ މިންވަރު އިތުރުކުރަން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހެދިޔަސް ގާޒީންގެ އަދަދު ކިތަންމެ ގިނަ ކުރިޔަސް މި ދެނިޒާމް ރަނގަޅަށް ނުހިންގާ ޖިނާއީ އަދުލުގެ ނިޒާމަށް އެކަށީގެންވާ ހައްލެއް ނާންނާނެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރަން" ރައީސް ވިދާޅުވިއެވެ.

ގައުމުގެ ޖިނާއީ އަދުލުގެ ނިޒާމަކީ އެ ގައުމެއްގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ގައުމުގައި އިޖުތިމާއީ ހަމަޖެހުމާއި އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ މުހިންމު ނިޒާމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކޮށްފައި ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާއީ ވަކީލުން ހަމަޖައްސައިދިނުމުގެ ގޮތުން ހުންނަ އޮފީހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.