ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ދޭއްގައި ރޭ ކުޅުނު މެޗުވެސް ކާމިޔާބުކޮށް، ރ. ދުވާފަރުން ޒޯން ފައިނަލުގެ އިތުރުން ގަދަ 16 އަށް އުންމީދު ބޮޑުކުރި އިރު، މޮޅަކާއެކު ށ. ކަނޑިތީމަށްވެސް ދިރުމެއް ލިބިއްޖެއެވެ.

މިއަހަރު މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ބުރުގެ މެޗުތަކުގެ ފޯރިވެސް އަންނަނީ ގަދަވަމުންނެވެ. ޒޯން ދޭއްގެ ތިންވަނަ ރޭގެ ކުޅުން ރޭ ކުރިއަށް ގޮސްފައިވާ އިރު، އެ ޒޯނުގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ އާއި އެއަތޮޅުގެ ރަނަރަޕް ކަނޑިތީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން އިނގުރައިދޫ އާއި ރަނަރަޕް ދުވާފަރު އަދި ނ. އަތޮޅުގެ ޗެމްޕިއަން މިލަދޫއެވެ.

އިނގުރައިދޫން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، އެ ޒޯނުގެ އެއްވަނައިގައި މިވަގުތު އޮތް އިރު، ދުވާފަރުން ވަނީ ރޭ 5-1 އިން މިލަދޫ ބަލިކޮށް، ދެމެޗުން ހަ ޕޮއިންޓް ހޯދައިފައެވެ.

އެ މެޗުގައި ދުވާފަރުގެ މުހައްމަދު އިސާމް (ޝަންޓެ)އާއި މުހައްމަދު ޖުމާން އަހުމަދު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ މިލަދޫ މޫސާ ހުމައިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިލަދޫގެ ގޯލު މެޗުގައި ޖަހައިދިނީ އަހުމަދު އިނަފް އަބްދުﷲއެވެ.

މިލަދޫން މިހާތަނަށް ދެމެޗު ކުޅެ، އެއް ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމަށް އަދި ފައިނަލުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް، އަމިއްލަ ބާރެއް ނެތެވެ.

ކަނޑިތީމުން ކުރިން ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮވެގެން ރޭ މިލަންދުއާ ދެކޮޅަށް ކުޅެ މޮޅުވީ 5-1 އިންނެވެ. އެޓީމަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އަމިއްލަ ބާރުގައި ފައިނަލަށް ދެވޭކަށް ނެތެވެ. އެހެންނަމަވެސް ދެން އޮތް މެޗުން މޮޅުވެ، ކުޑަ ފުރުސަތަކުން ފައިނަލަށް ދެވެން އަދިވެސް އެބައޮތެވެ.

ކަނޑިތީމުގެ ގޯލިތައް ޖެހީ އަހުމަދު ޒަމީމާއި އިސްމާއީލް ނިހާންގެ އިތުރުން ހުސައިން ނިހާލެވެ. ޒަމީމާއި ނިހާން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

މިލަންދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ އީނާސްއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ބ. އޭދަފުށި - ކ. މާފުށި (ޒޯން 3)

ގްރައުންޑް 2: ކ. ކާށިދޫ - ޅ. ކުރެންދޫ (ޒޯން 3)

21:00

ގްރައުންޑް 1: މ. މުލަށް - ފ. ދަރަނބޫދޫ (ޒޯން 5)

ގްރައުންޑް 2: މ. ދިއްގަރު - ދ. ކުޑަހުވަދޫ (ޒޯން 5)

22:00

ގްރައުންޑް 1: ވިލިމާލެ - މައްޗަންގޯޅި (ޒޯން 8)

ގްރައުންޑް 2: މާފަންނު - ހުޅުމާލެ (ޒޯން 8)

23:00

ގްރައުންޑް 1: ލ. އިސްދޫ - ލ. ގަން (ޒޯން 6)

ގްރައުންޑް 2: ތ. ތިމަރަފުށި - ތ. ހިރިލަންދޫ (ޒޯން 6)