އައިޖީއެމްއެޗު ކައިރީގައި ރޭ ހިންގި މާރާމާރީއަކީ މިފަހުން ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ހިންގި މާރާމާރީއެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކަނބާއައިސަރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގި ކަމަށް ރޭ 8:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގައި ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށާއި އެ ހަމަލާގައި ދިވެހި ފިރިހެނަކު ޒަހަމުވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން މިއަދު ބުނީ އެ މާރާމާރީ ހުއްޓުވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ވެސް އަނިޔާވި ކަމަށެވެ.

އެ މާރަމާރީގެ ތުހުމަތައް ފުލުހުން ވަނީ މާލެ، މ. ގޯލްޑަންލީފް، އަހުމަދު ނަބީލް (30އ) ފުލުހުން އޭނާއަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތެވެ.

ފުލުހުން އިއްޔެ ވަނީ ނަބީލުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުގައި ފުލުހުން ބުނީ މާރާމާރީ ހިންގި ވަގުތު އެ ސަރަހައްދުގައި ނަބީލް ހަރަކާތްތެރިވަމުންދާ މަންޒަރާއި އޭނާގެ އަތުގައި ވަޅިއެއް އޮތް މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ.

"މި ހާދިސާއަކީ ސިލްސިލާކޮށް މި ފަހުން މާލޭގައި ހިންގަމުން އަންނަ މާރާމާރީގެ ތެރޭގައި ހިމެނޭ ކަމެއް. މިކަމަކީ ބަދަލު ހިފުމެއްގެ ގޮތުން ހިންގާފައިވާ މާރާމާރީއެއް ކަމަށް މިހާތަނަށް ފުލުހުންނަށް ފާހަގަކުރެވިފައިވޭ" މައްސަލަ ތަހުގީގުކުރާ ފުލުސް އޮފިސަރު ވިދާޅުވިއެވެ.

ނަބީލްއަކީ ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ބަންދުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަކީ އެފަދަ މައްސަލަތަކުގެ ބަންދު ރިކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މީނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވެ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފައިވޭ" މައްސަލަ ތަހުގީގުކުރާ ފުލުސް އޮފިސަރު ވިދާޅުވިއެވެ.

މައްސަލަ ތަހުގީގުކުރާ އޮފިސަރު ފާހަގަކުރި ކަންކަމާއި މި މައްސަލައިގެ ތުހުމަތުކުރެވޭ ކުށް ނަބީލް ކުރި ކަމުގެ ކޮންމެވެސް ވަރެއްގެ ހެކި ފުލުހުން ހުށަހަޅައިފައިވާތީ ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަމުރުކުރެއްވީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ކުރިމިނަލް ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގި މައްސަލައެއްގައި ނަބީލް ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 07 އޮގަސްޓު 2024 ގަ އެވެ. އެ ހުކުމް އިސްތިއުނާފު ކޮށްފައިވާ ކަމަށް ހައިކޯޓުން ހާމަކޮށްފައިވާ މައުލޫމާތުތަކުން ފެންނާކަށް ނެތެވެ.

މީގެ އިތުރުން ނަބީލުގެ މައްޗަށް ވަނީ މަގުބޫލެއް ސަބަބެއްނެތި އާއްމު ތަނެއްގައި ނުރައްކާތެރި އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ސާބިތުވެފައެވެ.